ހަމަލާ ދިނުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ: ބޮޑުވަޒީރު ރަނިލް

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ބޮޑުވަޒީރާ ހިއްސާ ނުކުރޭ -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (އޭޕްރިލް 21): ސްރީލަންކާއަށް މިއަދު ދިން ހަމަލާތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔާވަޅުތައް އަޅާފައި ނުވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ވިކްރަމަސިންހަ އެފަދައިން ވިދާޅުވީ، ކޮލަމްބޯއަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ލަންކާގެ މިނިސްޓީރިއަލް ސެކިއުރިޓީ ޑިވިޝަން (އެމްއެސްޑީ)އަށް މީގެ ހަފްތާއެއް ކުރިން ލިބުނު ކަމަށް އެގައުމުގެ މިނިސްޓާ ފޯ ނެޝަނަލް އިންޓެގްރޭޝަން މަނޯ ގަނޭސަން ވިދާޅުވި ފަހުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި އެފަދަ މައުލޫމާތެއް ކަމާ ބެހޭ ފަރާތްތަކަށް ލިބުނުކަން މިހާރު ވަނީ އެނގިފަ އެވެ. ނަމަވެސް މީގެ ކުރިން ބޮޑުވަޒީރާ ވެސް އަދި ކެބިނެޓާ ވެސް އެމައުލޫމާތު ހިއްސާކޮށްފައި ނުވެ އެވެ.

"[ހަމަލާތަކުގެ ތަހުގީގު] ކުރިއަށްދާ އިރު އަޅުގަނޑުމެން އެބަ ބަލަން ޖެހޭ [ހަމަލާ ހުއްޓުވުމަށް] އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވަނީ ކީއްވެގެންތޯ. ނަމަވެސް މިހާރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަލާ ދިން މީހުން ހައްޔަރު ކުރަން،" ރަނިލް ވިދާޅުވި އެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި މިއަދު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 35 މީހުން ވެސް ހިމެނެ އެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން ހަތް މީހުން ހައްޔަރުކޮށްފަ އެވެ. ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ހުރިހާ ހަމަލާތައް ވެސް ދިނީ އެއް ޖަމާއަތަކުން ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ވަނީ އެހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާ ކަމަށް "ސަން"އަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިން ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ނުނިކުމެ، ގޭތެރޭގައި މަޑުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް