ލަންކާގައި ދިން ހަމަލާތަކުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނެތް

މިއަދު އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް އޮތް ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު އެހެން ވިދާޅުވީ، ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ މުހިންމު ސަރަހައްދުތަކާއި އިމާރާތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާކަން ހާމަ ކުރަން މިއަދު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައެވެ.

"މިއަދު ސްރީލަންކާގައި ދިން ހަމަލާތަކާ ސީދާ ގުޅުމެއް އޮތް އެއްވެސް ނުރައްކަލެއް ދިވެހިރާއްޖެއަކަށް އޮތް ކަމަށް އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައެއް ނެތް،" ހަމީދު ވިދާޅުވިއެވެ.

އޭގެ އިތުރުން، ލަންކާގެ ހަމަލާތަކުގައި ދިވެއްސެއްގެ ބައިވެރިވުން ހިމެނޭ ކަމުގެ މައުލޫމާތެއްވެސް ލިބިފައި ނުވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބިފައި ވަނީ ދެ ސަަރަހައްދެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބަޔަކު މީހުން ހައްޔަރުކޮށްފައި ތަހުގީގު ހިނގަމުންދާ ކަމަށް. އެހެން ނަމަވެސް މިހާތަނަކަށް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނުވަތަ ދިވެއްސަކު ތަހުގީގަށް ހައްޔަރުކޮށްފައިވާކަމެއް އަޅުގަނޑުމެންނަށް ސްރީލަންކާގެ ކަމާ ބެހޭ އެއްވެސް ވުޒާރާއަކުން އަދި ކަމާ ބެހޭ އެއްވެސް އޮތޯރިޓީއަކުން ހާމަކޮށްފައިއެއް ނުވޭ،"

ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ގޮތަށް މީސް މީހުން މީސް މީޑީއާގައި ކުރަމުންދާ ކޮމެންޓުތަކާ ދައްކަމުންދާ ވާހަކަތައް ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި ނަފުރަތު ފެތުރޭ ފަދަ ވާހަކަތައް ނުދެއްކުމަށާއި ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ވާހަކަތައް ނުދެއްކުމަށް ހަމީދު އިލްތިމާސްކުރެއްވިއެވެ.

ލަންކާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި މީގެ ކުރިން ހިނގައި ދިޔަ ބޮމުުގެ ހާދިސާތަކުގެ ސަބަބުން އަދި، އެހެނިހެން ހާދިސާތަކުގެ ސަބަބުން އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދިފައިވެއެވެ.

އެފަދަ ހަމަނުޖެހުމެއް ލަންކާގައި އުފެދި ދިވެހިންނަށް ގެއްލުންވެދާނެތީ އެކަމުން ސަލާމަތްވުމަށް ކުރެވޭނީ ކޮން ކަމެއްތޯ "ސަން" އިން ސުވާލު ކުރުމުން ހަމީދު ވިދާޅުވީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ދިވެހިންގެ ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މިއަދު ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ލިބެން ޖެހޭ މައުލޫމާތުތައް ބައިނަލްއަގްވާމީ ސަލާމަތީ މުއައްސަސާތަކާ ގުޅިގެން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ސްރީލަންކާގައި ދިން ހަމަލާތަކުގެ ސަބަބުން މިހާތަނަށް 250 މީހުން މަރުވެ 400އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ މުހިންމު ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުުގެ މަސައްކަތް މިހާރު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް