ދޭތެރެ ދުރުކުރުމުގައި ބޭނުންކުރާ ބޭހަކާމެދު ސަމާލުވުމަށް އިލްތިމާސްކޮށްފި

ދޭތެރެ ދުރުކުރުމުގައި ބޭނުންކުރުމަށް ސަމާލުވުމަށް ބުނި ބޭސް ---

ދޭތެރެ ދުރުކުރުމުގައި ބޭނުންކުރާ ބޭހަކާ މެދު ސަމާލުވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދޭތެރެ ދުރުކުރުމުގައި ބޭނުންކުރާ ބޭހެއް ކަމަށްވާ ޑްރޯސްޕިރެނޯން ( ތިން މިލިގްރާމް) + އެތިނިލް އެސްޓްރަޑިއޯލް (0.03 މިލިގްރާމް)، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މާކެޓުން ނެގުމަށް އަންގައިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން އެތެރެކުރާ ގޮތަށް ފާހަގަކޮށްފައިވާ ބޭހަކަށްވާތީ އެބޭސް ރާއްޖެ އެތެރެވުމުގެ ފުރުސަތު ބޮޑު ކަމަށެެވެ.

އެ ބޭސް އުފައްދައިފައިވަނީ އެޕޮޓެކްސް ކޯޕަރޭޝަންއިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ބޭސް އިމްޕޯޓް ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އަދި ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވިފައި ހުރެދާނެތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ޚާއްސަ ސަމާލު ކަމެއްދީގެން ޕޯޓް ތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"ވީމާ، އޮމާން ފާމަސޫޓިކަލް ޕްރޮޑަކްޓްސް ކޯ. އެލްއެލްސީ އިން އުފައްދާ މިބޭހުގެ ދެންނެވިފައިވާ ބެޗްތައް ރާއްޖެއަށް އިމްޕޯޓް ނުކުރުމަށާއި ނުވިއްކެވުމަށް އިލްތިމާސް ކުރަމެވެ." ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް