ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ސެކިއުރިޓީ ވަރުގަދަ ކުރަން ފަށައިފި

މިއަދު އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

ލަންކާގައި މިއަދު ހެނދުނު ދިން ޓެރަރިސްޓު ހަމަލާތަކުގައި 200އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެކަމާ ގުޅިގެން ރާއްޖޭގެ އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްމިއަދު މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ފުލުހުންނާއި ސިފައިންގެ އިސްވެރިން މިއަދު ވަނީ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުވުމަށް ފަހު އެ ދެ މުއައްސަސާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ޓޫރިޒަމްގެ ސިނާއަތުގައި ހިމެނޭ ތަންތަނާއި އެއާޕޯޓުތައް އަދި އެހެނިހެން "ކްރިޓިކަލް އިންފްރާސްޓްރަކްޗާ" ހިމެނޭ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓޫރިޒަމްގެ ސިނާއަތުގައި ހިމެނޭ ފަރާތްތަކަށް ސަލާމަތީ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"މާލޭގެ ސަރަހައްދު މިހާރު ބަލަހައްޓަމުންދާ މިންވަރަށް ވުރެ އިތުރަށް ބެލެހެއްޓުމާއި، ޗީފް އޮފް ޑިފެންސް ފޯސް ފާހަގަ ކުރެއްވި ފަދައިން، ކްރިޓިކަލް އިންފްރާސްޓްރަކްޗާގެ ގޮތުގައި އަޅުގަނޑުމެންނަށް ކަނޑައެޅޭ ސަރަހައްދުތައް ބެލެހެއްޓުމާއި ހާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އިގްތިސާދީ އެކްޓިވިޓީ ކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވާނެ އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަދި އެ ފަރާތްތަކާ އެކު ވިލަރެސްކޮށްގެން މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން މިއަދު ނިންމާފައި ވަނީ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންްސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ރާއްޖޭގެ ތިން އިންޓަނޭޝަނަލް އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށެވެ.

"ހަނިމާދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ މިހާރަށް ވުރެ ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަސައްކަތްތައް މިހާރުން މިހާރަށް ވެސް ދަނީ ކުރިއަށް،"

"މިހާރުން މިހާރަށް ވެސް އަޅުގަނޑުމެންގެ ވިސްނުން މިހިރީ އޯވަރޯލް ސެކިއުރިޓީ ސްޓޭޓަސް މައްޗަށް ނަގަން،"

ޝަމާލް ވިދާޅުވީ މުހިންމު ސަރަހައްދުތަކުގެ ސެކިއުރިޓި ވަރުގަދަކުރުމުގެ އިތުރުން ނުރައްކާތެރި ކަމެއް ވިޔަ ނުދިނުމަށް ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

"އެންއެންޑީއެފްގެ ތެރެއިން ފުލުހުންގެ ތެރެއިން ޓީމަކާ ގުޅިގެން މަސައްކަތްތައް ކުރަމުން އެ ގެންދަވަނީ މިރެއިން މިރެއަށް ވެސް ބައެއް ދިމަދިމާލަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެވޭތޯ،" ޝަމާލް ވިދާޅުވިއެވެ.

މިއަދު ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ލިބެން ޖެހޭ މައުލޫމާތުތައް ބައިނަލްއަގްވާމީ ސަލާމަތީ މުއައްސަސާތަކާ ގުޅިގެން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ސްރީލަންކާގައި ދިން ހަމަލާތަކުގެ ސަބަބުން މިހާތަނަށް 250 މީހުން މަރުވެ 400އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެ ހަމަލާއާ ގުޅިގެން ސްރީލަންކާ ސަރުކާރަށް އެއްބާރުލުންދީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ހަލީލް ވަނީ އެ ގައުމަށް ވަޑައިގެންފައެވެ.

comment ކޮމެންޓް