ރޯދަމަހު ސްކޫލު ކުދިންގެ ގަޑިތައް އާންމުކޮށްފި

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަ މަހު ސްކޫލު ކުދިން ކިޔަވާ ގަޑިތައް އާންމުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ރޯދަ މަހު ކިޔަވައިދިނުމުގެ ގަޑިތައް ކަނޑައަޅާފައިވަނީ ތިން ލެވަލްއަކަށް ބަހާލައިގެންނެވެ.

އެގޮތުން އެލްކޭޖީއިން ފެށިގެން ޔޫކޭޖީއަށް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ ދޮޅު ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ. އަދި ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހަޔަކަށް ކަނޑައަޅާފައިވަނީ ދެ ގަޑި ތިރީސް މިނެޓް ކިޔަވައިދޭ ގޮތަށެވެ.

ހަތަކުން ފެށިގެން މަތީގެ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ ތިން ގަޑިއިރު ކިޔަވައިދޭ ގޮތަަށެެވެ.

ރޯދަ މަހު ކިޔަވައިދޭ މާއްދާތައް 30 މެނެޓާއި 45 މިނެޓް ގަޑިއަކަށް ފައްތައިގެން ކިޔަވައިދިނުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގައިފައެވެ.

ރޯދަ މަހު ސްކޫލުތައް ވަކި ގަޑިތަކެއްގައި ފަށަން ވެސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުން ހެނދުނު 08:30 އިން 09:00 އާ ދެމެދު ފަށަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދެ ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލުތަކުން ހެނދުނު 08:30 އިން ފެށިގެން 15:00 އާ ދެމެދު ގަޑިތައް ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް