200 ގައިދީންގެ އަދަބު ލުއިކޮށްދީފި

ގައިދީންގެ އުފެއްދުންތެރި މައުރަޒުގައި ދެ ގައިދީއަކު ކުރަހަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުކުމް ތަންފީޒުކުރަމުންދާ 201 ގައިދީއެއްގެ އަދަބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ލުއިކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން" އަށް ވިދާޅުވީ މި 201 މީހުންގެ އަދަބު ލުއިކޮށްދެއްވީ ޝަރުތުތަކަކާ އެކު ކަމަށެވެ. އަދަބު ލުއިކޮށްދިން މީހުންނަކީ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔައިރު ޖަލުގެ އަހުލާގު ރަނގަޅު މީހުން ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

އަދަބު ލުއިކޮށްދިން މީހުންނަށް ޝަރުތު ކުރާ ކަންތަކުގެ ތެރޭގައި ރިހިބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަ ކުރުން ހިމެނެ އެވެ. އަދި ޑްރަގު ވިއްކުން ފަދަ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާނަމަ، އަދަބު ލުއިކޮށްދިނުމަށްފަހުވެސް އެފަދަ ކުށަކަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރަކާ ނުލާ އޭނާ ދިރިއުޅޭ ތަން ބަލަ ފާސްކުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އަދަބު ލުއިކޮށްދީފައިވަނީ ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ، ކުރީގެ ގާނޫނުލް އުގޫބާތާ އަޅާ ބަލާއިރު އާ ގާނޫނުލް އުގޫބާތުގައި ކުޑަ ކުށެއް ކަނޑައަޅާފައިވާ ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށެވެ.

comment ކޮމެންޓް