ސޫދާންގެ ކުރީގެ ރައީސްގެ ގެކޮޅުން 130 މިލިއަން ޑޮލަރު ފެނިއްޖެ

ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ގެކޮޅުން 130 މިލިއަން ޑޮލަރު ވަނީ ފެނިފަ -- ފޮޓޯ: ރޮއިޓާސް

ޚަރުތޫމް (އޭޕްރިލް 21): ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ގެކޮޅުން 130 މިލިއަން ޑޮލަރު ފެނިއްޖެ އެވެ.

ވެރިކަން ކުރައްވާތާ 30 އަހަރު ފަހުން މިމަހުގެ 11އިގައި ރައީސްކަމުން ދުރުކުރި ބަޝީރު މިހާރު ހުންނެވީ ޖަލުގަ އެވެ. އަދި އެގައުމުގެ ޕްރޮސިކިއުޓަރުން ދަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ސޫދާންގެ ޖުޑިޝަރީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން ބަޝީރުގެ ގެކޮޅުން ފެނުނު ތަކެތީގެ ތެރޭގައި 351،000 ޑޮލަރާއި ހަ މިލިއަން ޔޫރޯސް އާއި ފަސް ބިލިއަން ސޫދަނީސް ޕައުންޑު އަޅާފައިވާ ސޫޓްކޭސްތައް ހިމެނެ އެވެ. އަދި އެފައިސާއާ ބެހޭ ގޮތުން ފުލުހުން، ބަޝީރުއާ ސުވާލު ކުރާނެ އެވެ.

ސޫދާންގެ އަސްކަރިއްޔާއިން ބަޝީރު ވެރިކަމުން ދުރުކުރީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޭނާއާ ދެކޮޅަށް އެގައުމުގެ އެތައް ހާސް މީހުން މުޒާހަރާ ކުރަމުން ދަނިކޮށެވެ. އަދި އެއަށް ފަހު އަސްކަރިއްޔާއިން ވެރިކަން ކުރަން އިންތިގާލީ ސަރުކާރެއް ގާއިމު ކުރި ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ މަދަނީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް