"މެޗަކުން މޮޅުވުމަކީ މީހުން ހިތަށްއަރާހާ ފަސޭހަ ކަމެއް ނޫން"

ބާސެލޯނާއާއި ރެއާލް ސޮސައިޑޭޑް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑޮމް ފެރަލް

މެޗުތަކުން މޮޅުވާން ބާސެލޯނާއިން ކުރާ ބުރަ މަސައްކަތް ގިނަ ފަހަރަށް މީހުނަށް ތަސައްވަރު ނުކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

ރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ރެއާލް ސޮސައިޑޭޑްގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދާފައިވާ އިރު ބާކީ އޮތް ފަސް މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެން ވެސް ބާސެލޯނާއަށް ލީގުގެ ތަށި ޔަގީން ވާނެ އެވެ. އެ ޓީމުން ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި ހަތް ފަހަރަކު ސްޕެނިޝް ލީގުގެ ތަށި ވަނީ ދިފާއު ކޮށްފަ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ --- ފޮޓޯ/ ޑޮމް ފެރަލް

މި ސީޒަނުގެ މިހާތަނަށް އައި އިރު ބާސެލޯނާއިން ވަނީ ލީގުގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އަދި އޭގެ އިތުރުން ލީގު ކަޕުގެ ފައިނަލަށާއި ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ޖާގައެއް ވެސް އެ ޓީމުން ވަނީ ކަށަވަރު ކޮށްފަ އެވެ.

ބާސެލޯނާއިން ހޯދަމުން މިއަންނަ ބޮޑެތި ކާމިޔާބީގެ ސަބަބުން ގިނަ ބަޔަކަށް ހީވެފައި އޮންނަ ހީވުމަކީ އެ ޓީމުން ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރާނެ ކަމަށެޗެ. ނަމަވެސް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މެޗުތަކުން މޮޅުވުމަކީ މީހުން ހިތަށް އަރާހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"މެޗަކުން މޮޅުވުމަކީ މީހުން ހިތަށް އަރާ ވަރެއް ވުރެން އުނދަގޫ ކަމެއް. ގިނަ ބަޔަކު މިހާރު ވެސް ދައްކަމުން އަންނަ ވާހަކަ އަކީ ބާސެލޯނާއަށް ތަށި ޔަގީންވި ވާހަކަ. ބާކީ އަދި މެޗުތަކެއް އެބަހުރި. އެ މެޗުތައް ކާމިޔާބު ކުރުމުން ތަށި ޔަގީން ވާނީ،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ވަލްވާޑޭ ބުންޏެވެ.

"ރެއާލް ސޮސައިޑޭޑް އަކީ ވަރުގަދަ ޓީމެއް. އެއްވަރު ވުމުން ބާސެލޯނާ އިން ރައްދުގައި ދެއްކި ހިތްވަރުން މެޗު ކާމިޔާބު ކުރެވުނީ. މިއީ ވަރަށް މުހިއްމު މޮޅެއް."

comment ކޮމެންޓް