ބޮން ގޮވި ބައެއް ސަރަހައްދުތަކުގައި ދިވެހިން ތިބި، އެކަމަކު ގެއްލުމެއް ނުވޭ: އެމްބެސެޑަރު

ލަންކާގައި ބޮން ގޮއްވި ސަރަހައްދެއް -- ފޮޓޯ ޓްވިޓާ

ސްރީލަންކާގައި ބޮން ގޮވި ބައެއް ސަރހައްދުތަކުގައި ދިވެހިން ތިބި ކަމަށާއި ނަމަވެސް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު އަބްދުއްރައްޒާގު "ސަން"އަށް ވިދާޅުވީ ބޮން ގޮވި ޝަންގްރިއްލާ ހޮޓަލުގައި ދިވެހިން އެބަތިބި ކަމަށާއި އެއްވެސް ދިވެއްސަކަށް އަނިޔާ ނުވާ ކަމަށެވެ.

"ދިވެހިން ތިބި ހޮޓަލްތަކަށް އަޅުގަނޑުމެން މިދަނީ ޒިޔާރަތް ކުރަމުން، އެއްވެސް ދިވެއްސަކަށް އަނިޔާވިކަމަށް އަދި މައުލޫމާތެއް ނުލިބޭ،" އެމްބެސެޑަރު ވިދާޅުވި އެވެ. އެމްބެސެޑަރު ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިންގެ ހާލަތު އެމްބަސީގެ ފަރާތުން ބަލަމުންދާ ކަމަށެވެ.

މިއަދު ހެނދުނު 8:00 އެހާކަންހާއިރު ހިނގި ހާދިސާގައި 49 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މި ހާދިސާ ދިވެހި ސަރުކާރުގެ ފަރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓަރު އަބްދދުﷲ ޝާހިދު ވަނީ ޓްވީޓެއްވެސް ކުރައްވައިފަ އެވެ. ހާދިސާ އާއި ގުޅިގެން އެއްވެސް ދިވެއްސަކު ކޮންސިއުލާ ހިދުމަތް ބޭނުންނަމަ، އެމްބަސީ އާއި ގުޅުމަށްވެސް ފޮރިން މިނިސްޓްރީ އިން ވަނީ އެދިފަ އެވެ.

https://sun.mv/118318

comment ކޮމެންޓް