12 ވަނަ އެނިވާސަރީއަށް އައިޝްވާރްޔާ އާއި އަބީޝެކް ރާއްޖޭގައި!

އަބީޝެކް އާއި އައިޝްވާރްޔާ --

ކައިވެންޏަށް 12 އަހަރު ފުރުން ފާހަގަ ކުރުމަށް، ބޮލީވުޑްގެ 'ޕަވާ ކަޕުލް' އަބީޝެކް ބައްޗަން އަދި އައިޝްވާރްޔާ ރައި ބައްޗަން ރާއްޖެ އަތުވެއްޖެ އެވެ.

ދެމީހުންގެ ދަރިފުޅު، އަރާދިޔާ ބައްޗަން ގޮވައިގެން ހިތްގައިމު ޖޯޑު ޗުއްޓީ ހޭދަކުރަމުން އަންނަނީ ނިޔާމަ ޕްރައިވެޓް އައިލެންޑުގައެވެ. ރާއްޖެ އައުމަށްފަހު އަބީޝެކް އަދި އައިޝްވާރްޔާ ވެސް އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްގައިމު ފޮޓޯތައް ހިއްސާކުރަމުންނެވެ.

ރާއްޖެ އަކީ ބައްޗަން އާއިލާ އެންމެ ގަޔާވާ އެއް މަންޒިލެވެ. އެގޮތުން އަމީތާބް ބައްޗަންގެ 75 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް އެ އާއިލާ އެއްކޮށް ވަނީ ރާއްޖެ އައިސްފައެވެ. އަބީޝެކް އާއި އައިޝްވާރްޔާ ކައިވެނިކޮށްފައި ވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހު އެވެ. ދެމީހުންނަށް ކުއްޖަކު ލިބިފައި ވަނީ 2011 ވަނަ އަހަރު އެވެ.

އަބީޝެކް އަދި އައިޝްވާރްޔާ އަކީ ބޮލީވުޑްގެ އެންމެ ހިތްގައިމު އެއް ޖޯޑެވެ. ދެމީހުން އެކުގައި ފިލްމަކުން ނުފެންނަތާ އަށް އަހަރު ވެފައިވާއިރު، އަނޫރާގް ބާސޫގެ 'ގުލާބް ޖާމުން' އިން ދެމީހުން ފެނިގެން ދާނެ ކަމަށް ބެލެވުނެވެ. ފުރަތަމަ ދެމީހުން ފިލްމަށް އެއްބަސްވެ އެކަން އިއުލާނު ކުރި ނަމަވެސް، މިހާރު އަބީޝެކް އަދި އައިޝްވާރްޔާ ވެސް ވަނީ ފިލްމު ދޫކޮށްލައިފައެވެ.

comment ކޮމެންޓް