ފަލަސްތީނުގެ މިނިވަން ދައުލަތް ނުހިމެނޭ މަޝްރޫއެއް ގަބޫލެއް ނުކުރާނަން: ފަލަސްތީން

ފަލަސްތީނުގެ ރައީސް މަހްމުދު އައްބާސް

ރާމަﷲ (އެޕްރީލް 21) : ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދްސު ކަމަށް ނުހިމެނޭ ސުލްހައިގެ އެއްވެސް މަޝްރޫޢެއް ގަބޫލުނުކުރާނެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

މެދުއިރުމައްޗަށް އެމެރިކާ ކަނޑައަޅާފައިވާ މަންދޫބު ޖެސަން ގްރީންބްލެޓް އަށް ރައްދު ދެއްވަމުން ފަލަސްތީނުގައި ވެރިކަންކުރާ ފަތްހު ޖަމާއަތުގެ ތަރްޖަމާން އުސާމާ އަލްގަވާސިމީ ވިދާޅުވީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން އިސްރާއީލު ފާބައި އަދި އިރުމަތީ ގުދްސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހިމެނޭ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގު ނުލިބޭ މަޝްރޫއެއް ފަލަސްތީނުން ގަބޫލުނުކުޜާނެ ކަމުގަ އެވެ.

އެމެރިކާ އިއްލާން ކުރަންއުޅޭ ސުލްޙައިގެ މަޝްރޫއަކީ އދ.ގެ ގަރާރުތަކާ އަދި ބައިނަލްއަގްޥާމީ ގާނޫނާ ޚިލާފު އަދި ފަލަސްތީނުގެ ހައްގުތައް ނުލިބޭ މަޝްރޫއެއްކަމުގެ މައުލޫމާތުލިބިފައިވާ ކަމަށް ގަވާސިމީ ވިދާޅުވި އެވެ. ޖެސަން ގްރީންބްލެޓް ވަނީ އެމެރިކާ އިއްލާން ކުރަންއުޅޭ ސުލްޙައިގެ މަޝްރޫއާ މެދު އަދި ގޮތެއް ނުނިންމުމަށް ފަލަސްތީނަށް ގޮވާލައްވައިފަ އެވެ. އެމެރިކާ އިއްލާންކުރާ ސުލްޙައިގެ މަޝްއޫރު ގަބޫލުނުކުރުމުން ގެއްލިގެންދާނީ ފަލަސްތީނުގެ ހައްގުތައް ކަމަށް ވެސް ގްރީންބްލެޓް ވަނީ ވިދާޅުވެފަ އެވެ.

ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވަމުން ގެންދަވާ ސުލްޙައިގެ މަޝްރޫއު ކަމަށްވާ "ޑީލް އޮފް ސެންޗަރީ" ބިނާކުރަނީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނު އެއްފަރާތް ކުރުމަށް ފަހު ހަމައެކަނި ފަލަސްތީނު ރައްޔިތުންނަށް އިގްތިސާދީ އެހީދީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅު ކުރުމުގެ މައްޗަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މުސްތަގިއްލު ދައުލަތެއް އުފެއްދުމާއި ފަލަސްތީނުގެ ރެފިއުޖީން އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގު ދިނުން ފަދަ ފަލަސްތީނު މައްސަލައިގެ އަސާސީ ކަންކަން ހައްލުކުރުން އެމަޝްރޫއުގައި ނުހިމެނޭކަމަށް ވެ އެވެ. އެމެރިކާގެ ކަމާ ބެހޭ މަސްއޫލުވެރިންގެ ބަޔާންތަކުން ވެސް ވަނީ މިކަން ހާމަވެގެން ގޮސްފަ އެވެ.

"ޑީލް އޮފް ސެންޗަރީ" މަޝްރޫއު އެކުލަވާލުމުގައި އެންމް އިސްކޮށް އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުސްތަޝާރު އަދި ޓްރަމްޕްގެ ދަނބި ދަރިކަލުން ޖަރެޑް ކުޝްނާ ވިދާޅުވީ "ޑީލް އޮފް ސެންޗަރީ" ބިނާވެފައި ވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައި އައު ފިކުރުތަކެއްގެ މައްޗަށް ކަމަށާ އެ މަޝްރޫއު ތަންފީޒު ކުރެވޭނީ އިސްރާއީލާއި ފަލަސްތީނުން ވެސް ދޫދީގެންކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި އެ މަޝްރޫއު އަންނަ ރޯދަ މަހުގެ ފަހުން އިއްލާން ކުރާނެ ކަމަށް ވެސް މިދިޔަ ހަފްތާގައި ކުޝްނާ ވަނީ ވިދާޅުވެފަ އެވެ.

ރޯދަ މަހުގެ ފަހުން އެމަޝްރޫއު އިއްލާންކުރަނީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އައު ސަރުކާރު ވޫޖޫދަށް އައިސް އެސަރުކާރު ހިނގައިގަންނާނީ އެދުވަސްވަރުގައި ކަމަށްވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަތަންޔާހޫ އަކީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމަށާއި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމާ އިދިކޮޅު ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ.

ނަތަންޔާހޫގެ ސަރުކާރުން ގެންދަނީ ފަލަސްތީނުގެ ހައްގުތަކަށް ގޮވާލައި މުޒާހަރާކުރާ ފަލަސްތީނު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި އެމީހުން މެރުމުގެ ލާއިންސާނީ ޖަރީމާތަކެއް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް