ވެބް ސީރީޒް "އެހެނަސް"ގެ ޓްރެއިލާއިން ހައިރާކޮށްލައިފި

ވެބް ސީރީޒްގެ މައިގަނޑު ތަރި ނިޔާޒް---

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..."އަށް ތައްޔާރުކުރާ ވެބް ސީރީޒް "އެހެނަސް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ.

ވެބް ސީރީޒްގައި އަސަރުން ފުރިގެންވާ ޑައިލޮގްތަކެއް އިވިގެން ދިޔައިރު ޓްރެއިލާ ފަށަނީ ޝީލާ ނަޖީބު (ޝަކީލާ)ގެ އަސަރުގަދަ ޑައިލޮގުންނެވެ.

"ޝިނާޒަކަށް ނުވިސްނޭނެ ގައިމު ތީ އަހަރެންގެ ބަނޑުން ވިހެއި ތިން ކުދިން ވިއްޔާ. އަބަދުވެސް ކޮންމެވެސް ކޯޅުމެއްގައި،"

ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތަށް ތައްޔާރުކޮށްފައިވާ އެ ސީރީޒްގެ ލީޑް ތަރިއަކީ ވިޝާލް (ނިޔާޒް)އެވެ.

ގޭތެރޭގައި އަބަދުވެސް ޝަކީލާގެ ދަރިންތައް ކޯޅޭ މަންޒަރު ފެނި، ނިޔާޒަށް ބަހުގެ ހަމަލާތައް ރައްދުވަމުން އައިއިރު އޮފީހުގެ މާހައުލުގައިވެސް އޭނާއަށް އެފަދަ ބަސްތަކާ ކުރިމަތިލާންޖެހޭ މަންޒަރު ޓްރެއިލާއިން ފެނިގެންދިޔައެވެ.

ގިނަ އަދަދެއްގެ އާ މޫނުތަކެއް ޓްރެއިލާއިން ފެނިގެން ވަނީ ގޮސްފައެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ޑައިރެކްޓަރު ރަވީ މީގެ ކުރިން ބުނެފައިވެއެވެ.

އެ ވެބް ސީރީޒްގައި ބައެއް ޓްވިސްޓައް ހިމެނުނު ނަމަވެސް ވާހަކައިގެ އަސްލު ނުގެއްލޭނޭ ކަމަށް ވާހަކަ ލިޔުންތެރިޔާ އައިކިއު ބުންޏެވެ.

އެހެނަސް އަކީ ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ ސީރީޒްއެކެވެ. އެ ސީރީޒް ގެނެސްދޭނީ ބައިސްކޯފު އެޕްލިކޭޝަންއިންނެވެ.

comment ކޮމެންޓް