ރައްޔިތުންގެ 450 މިލިއަން ގެއްލެނީ، ޒިންމާ ވާނީ ކާކު؟

ކުރީގެ ބަންޑާރަ ނައިބު އަނިލް (ކ) އަދި މިހާރުގެ ބަންޑާރަ ނައިބު ރިފްއަތު: ދައުލަތަށް ގެއްލުންވާ މައްސަލަތަކުގައި އޭޖީގެ ދައުރު ވަރަށް ވެސް ބޮޑު.

އެންމެ ފުރަތަމަ ވެސް ފެންމަތިވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ، ހަސަން އިސްމާއީލްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގްރޫޕަށް ޕީއެސްއެމްއިން 78 މިލިއަން ރުފިޔާ ދޭން ޖެހޭ މައްސަލަ އެވެ. ދެން ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމުން 22.7 މިލިއަން ރުފިޔާ ދޫކުރަން ޖެހުނީ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެރީ ހިދުމަތް ދޭން ހަވާލުކުރި، ދީބާޖާ ކުންފުންޏަށް ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދޭން މަގުފަހިވާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޖުމްލަ 448.7 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދައުލަތުން މި ވަނީ އަމިއްލަ ކުންފުނިތަކަކަށް ދޭން ޖެހިފަ އެވެ. މި ފައިސާ ހަޒާނާއިން ބޭރުވެގެން ދާން ފުރުސަތު ލިބުނީ ކިހިނެއް ހެއްްޔެވެ؟ މި ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ބައެއް ހެއްޔެވެ؟

ސީޖީޓީ އަދި ދީބާޖާ މައްސަލައިގައި މަގުތަކެއް: ބަންޑާރަނައިބު ހިމޭނުން!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރު އެވެ. އެ ހުކުމް ހައިކޯޓުން ބާތިލު ކުރި ނަމަވެސް، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓަށް މައްސަލަ ހުށަހެޅީ އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ. އެހެންކަމުން، އެ މައްސަލައިގެ ޝަރުއީ މަރުހަލާ ނިމިފައިވާ އިރު ސިވިލް ކޯޓުން ކުރި ހުކުމް އަދިވެސް ދެމި އެބައޮތެވެ. އެހެން ވީމާ އެ ކުންފުންޏަށް ދައުލަތުން ފައިސާ ދޭން ޖެހެނީ އެވެ.

ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި އޮތް ނަމަވެސް، އެ ހުކުމް އަލުން މުރާޖާ ކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖާ ކުރަން ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.

"ސުޕްރީމް ކޯޓުން އެބަ އޮތް އެ ކޯޓަށް 2018 ވަނަ އަހަރު ހުށަހެޅުނު 50 ވަނަ އިސްތިއުނާފީ މައްސަލަ، އެ މައްސަލައިގައި [ކުރީގެ ރައީސް] މުހައްމަދު ނަޝީދުގެ މައްޗަށް ސުޕްރީމް ކޯޓުން 2016ގެ އެއް ނަމްބަރު ގަޟިއްޔާގައި ނިހާއީ ގޮތެއްގައި ނިންމާފައި އޮތް ނިންމުމެއް، އެ ނިންމުން ހަމަ ސުޕްރީމް ކޯޓުން އެބަ އޮތް މުރާޖާ ކުރައްވާފައި. އެހެންވީމާ ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓުން އަލުން މުރާޖާ ކުރެވޭނެ،" ސުޕްރީމް ކޯޓުގެ ނިންމުންތައް އެ ކޯޓަށް އަލުން މުރާޖާ ކުރެވޭނެ ސަބަބާ މެދު ވާހަކަ ދައްކަމުން ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާފައި ވަނީ އިޖުރާއީ ގޮތުން ކަމުން އެ މައްސަލަ އަލުން މުރާޖައާ ކުރަން ފަސޭހަވެގެންދާނެ އެވެ.

"ސުޕްރީމް ކޯޓުން އެ ކަންތައް ކުރުމުގެ ފުރުސަތު ފަސޭހަވެފައި އޮތް އެއް ސަބަބަކީ އެ މައްސަލަ މައުޟޫއީ ގޮތުން ބަލާފައި ނެތުން. ހަމަ އެކަނި އިޖުރާއީ ގޮތުން ކުރިއަށް ގެންޔިޔައީ. އިޖުރާއަތުތައް ރަނގަޅުތޯ ބަލާފައި ވަނީ،" ވަކީލް ފައިސަލް ވިދާޅުވި އެވެ.

މައުޟޫއީ ގޮތުން މައްސަލަ ބެލުމަކީ މައްސަލައިގެ އެންމެ ފުނަށް ގޮސް، މައްސަލަ ދިރާސާކުރުމަށް ފަހު ފަހުގެ ހުކުމަކާ ހަމަޔަށް ދިޔުމެވެ.

ސީޖީޓީ އަށް 22.7 މިލިއަން ރުފިޔާ ދެއްކުމަށް ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ މި އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހު އެވެ. އެއީ އެކުންފުނިން 2017 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު ޝިޕްމަންޓަކަށް އެ ކުންފުނިން ޑިއުޓީ ދައްކަން ޖެހުމުން އެ މައްސަލައިގައި ކޯޓުން އިއްވި ނިޔާ އެވެ.

ކުރީގެ ސަރުކާރުގައި ސީޖީޓީއަށް ފައިސާ ދައްކަން ނުޖެހޭ ކަމަށް ކޯޓުގައި އޭޖީ އޮފީހުން ވަކާލާތު ކުރި އެވެ. އެހެން ނަމަވެސް، ސަރުކާރު ބަދަލުވުމަށް ފަހު އެ މައްސަލައިގައި ދެކުނު ގޮތް ބަދަލުވެ، ދައުލަތުން ނިންމީ ސީޖީޓީން ބޮޑުކޮށް ދެއްކި ފައިސާ އަނބުރާ ދޭން ޖެހޭ ކަމަށެވެ. ސީޖީޓީގެ ދައުވާއަށް ދައުލަތުން އިއުތިރާފުވީ އެވެ. އެކަމާ ގުޅިގެން އެ މައްސަލައަށް ދިޔަ ކަސްޓަމްސްގެ ވަކީލު ވެސް ހިތްހަމަޖެހިވަޑައިނުގެން މައްސަލަލައިން ތަނާޒުލުވެފައިވެ އެވެ.

އެ މައްސަލައިގައި ސީޖީޓީ ތަމްސީލު ކުރީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ހިއްސާ ކުރިން އޮތް، ތުޅާދޫ ދާއިރާގެ އިންތިހާތީ މެންބަރު ހިސާން ހުސެއިންގެ ލޯފާމަކުން އެވެ. ރިއްފަތު ފާމުގެ ހިއްސާ ދޫކޮށްލެއްވީ ބަންޑާރަނައިބުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށެވެ.

ރިފްއަތު މަގާމާ ހަވާލުވުމަށް ފަހު އެ މައްސަލައިގައި ސްޓޭންޑު ބަދަލު ކުރި ސަބަބެއް އޭޖީ އޮފީހުން އަދި މިހާތަނަށް ވެސް ހާމަކޮށްފައިނުވެ އެވެ. ނަމަވެސް، އާންމުންގެ ކަންބޮޑުވުން ގިނަ އެ މައްސަލަ އަދިވެސް އިސްތިއުނާފު ކުރަން ފުރުސަތު އެބަ އޮތެވެ. އެކަމަކު ސުވާލަކީ އެ ޒިންމާ އަދާކުރާނެ ހެއްޔެވެ؟

"[އެ މައްސަލަ އިސްތިއުނާފު ކުރަން] އޭޖީގެ ފަރާތުން ސާބިތުކޮށްދޭން ޖެހޭނީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)ގައި ބުނާ ފަދަ ހާއްސަ ހާލަތެއް އޮތްތޯ. އެކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ހައިކޯޓަށް ބަލައިގަނެވިދާނޭ މުއްދަތު ހަމަވުމުގެ ފަހުންވެސް ހުށަހަޅާ ފަރާތުގެ ބާރުގެ ބޭރުން ހިނގި ކަމެއްގެ ސަބަބުން ހުށަނޭޅި އޮތް ކަމަށް ވަންޏާ،" ވަކީލަކު ވިދާޅުވި އެވެ.

ސީޖީޓީ މައްސަލައިގައިވެސް އަދި ދީބާޖާ މައްސަލައިގައިވެސް އަދި އޭޖީ އޮފީހުން ވަކި އެއްޗެއް ނުބުނެ އެބޭފުޅުން އިހުތިޔާރު ކުރައްވަނީ ހަނު ހުރުމުގެ ހައްގެވެ. ފޯނުން ގުޅައި މެސެޖް ކުރުމުން ވެސް އޭޖީ ރިފްއަތުގެ ޖަވާބެއް ނުލިބުނެވެ.

ބިގްގެ މައްސަލަ ބަންޑާރަނައިބަށް ފޮނުވަނީ!

ބިގް އާއި ޓީވީއެމް ހިންގި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން، އެމްއެންބީސީއާ އެކު 2010 ވަނަ އަހަރު ހެދި މާކެޓިން އެގްރިމަންޓެއްގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. މި އަދަދު 78 މިލިއަނަށް އިތުރުވެފައި ވަނީ އެ ފައިސާ ގަވާއިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާތީ އެވެ. ބިގަށް ދައްކަން ޖެހޭ ފައިސާއިން 30 މިލިއަން މިހާރު ވަނީ ދައްކާ ހަލާސްވެސްކޮށްފަ އެވެ.

އެމްއެންބީސީއަކީ ދައުލަތުގެ ކުންފުންޏެއް ކަމުން ބިގްގެ މައްސަލައިގައި އެ ކުންފުނި ތަމްސީލު ކުރީ އެ ކުންފުނީގެ ވަކީލުންނެވެ. އެމްއެންބީސީއާ ދެކޮޅަށް އެ މައްސަލަ ނިމި އިސްތިއުނާފުގެ މުއްދަތު ފާއިތުވި އިރުވެސް، އެ ކުންފުނީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައި ވެސް ނުވެ އެވެ.

އިސްތިއުނާފު ނުކުރި ސަބަބެއް ވެސް ސާފެއް ނުވެ އެވެ. "ސަން"އަށް މީގެ ކުރިން ޕީއެސްއެމްގެ މިހާރުގެ މޭންޖިންގް ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެފައި ވަނީ "އެމައްސަލައާ ގުޅިގެން ވާހަކަ ދައްކައިފިން. ދެން ދައްކާނެ ވާހަކައެއް ނެތް." ކަމަށެވެ. ދައުލަތުގެ ފައިސާއިން 78 މިލިއަން ރުފިޔާ ގެއްލިގެން ދިޔަ އިރު، އެ މައްސަލަ އިސްތިއުނާފު ނުކުރި ސަބަބު އަދިވެސް އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އެ ގެއްލުމުން ދައުލަތް ސަލާމަތް ކުރަން މަސައްކަތް ކުރެވުނުތޯ އެއީ ކުރަން ޖެހޭ ސުވާލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ބިގުގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކި ބައެއް މެމްބަރުން ވަނީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ބެލުމަށް އޭސީސީއަށް މައްސަލަ ހުށަހެޅުމަށް ލަފާދެއްވައިފަ އެވެ.

އެހެންނަމަވެސް، ކޮމިޓީއިން ނިންމާފައި ވަނީ ބިގުގެ މައްސަލައިގައި ބާކީ ހުރި ޝަރުއީ މަރުހަލާތަކަށް ވާސިލުވެވޭނީ ކޮން ގޮތަކުންތޯ ބެލުމަށް ބަންޑާރަނައިބުގެ ލަފާ ހޯދުމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން "ސަން"އަށް ވިދާޅުވީ، ޕީއެސްއެމް ފަދަ އަމިއްލަ ކުންފުނިތަކުގެ މައްސަލަތަކުގައި ވެސް ބަންޑާރަނައިބަށް ވަކާލާތު ކުރެވޭނެ ކަމަށެވެ.

"އެކަމުގައި ނެތް ޝައްކެއް. އެއީ މަދަނީ މައްސަލަތަކުގައި ދައުލަތް ހިމާޔަތް ކުރުމަށްވީތީ ފިޔަވަޅު އެޅުއްވޭނެ،" ފާއިޒް ވިދާޅުވި އެވެ. އެކަމަކު ދައުލަތަށް މާލީ ގޮތުން ގެއްލުންވާ މިފަދަ މައްސަލަތަކުގައި އޭޖީ ފަހަތު ފަޔަށް ބުރަވަނީ ކީއްވެ ހެއްޔެވެ؟

މަދަނީ އިޖުރާއަތުގެ ގާނޫނެއް ބޭނުންވޭ

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ދެކެވަޑައިގަންނަވަނީ ރާއްޖޭގައި މަދަނީ އިޖުރާއަތުގެ ގާނޫނެއް އޮތް ނަމަ ދީބާޖާގެ މައްސަލަ ނިމޭނީ އެހެން ގޮތަކަށް ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭރުން ބޮޑު ގެއްލުމަކުން ދައުލަތް ސަލާމަތް ކުރެވުނީހެވެ. އަދި ފައިސާގެ ބޮޑެތި މައްސަލަތައް ބަލަން ޖެހިފައިވާ އިރު، އެފަދަ ގާނޫނެއް އޮތުން މުހިންމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ މަދަނީ މައްސަލަތަކުގައި ފަނޑިޔާރުން މައްސަލަ ބެލުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާން ކުރާ އަދި މަދަނީ މައްސަލަތައް ކުރިއަށް ގެންދިޔުމާ ބެހޭ އެހެން އިޖުރާއަތްތައް ބަޔާން ކުރާ ގާނޫނެވެ. މަދަނީ މައްސަލަތައް އިސްތިއުފާނު ކުރެވޭނެ އުސޫލުތައް ވެސް އެފަދަ ގާނޫނެއްގައި އޮންނާނީ ސާފުކޮށް ބަޔާންކޮށްފަ އެވެ. އޭރުން ބަހަނާތައް ދެއްކޭނެ މަގުން މުޅިންހެން ބަންދުވާނެ ކަމަށް ފާއިޒު ދެކެވަޑައިގަންނަވަ އެވެ.

"މަދަނީ މައްސަލަތަކުގައި އަމަލު ކުރާނެ ގާނޫނެއް ނެތުމުން، ފަނޑިޔާރުންނަށް، ކޯޓުތަކަށް ހައްދެއް ނެތި ބާރުތައް މި އޮންނަނީ. ކޯޓުގެ ޑިސްކްރީޝަންބޭނުންކޮށްގެން ޝަރީއަތްތައް މިހާތަނަށް ކުރަމުން މިދަނީ. މަދަނީ އިޖުރާއަތުގެ ގާނޫނެއް އޮތް ނަމަ އަޅުގަނޑަށް ހިއެއް ނުވޭ ސުޕްރީމް ކޯޓުން އިހަށް ދުވަހު އެ ނިންމި މައްސަލަ އެގޮތަށް ނިމިގެންދާނެހެން،" ފާއިޒު ވިދާޅުވި އެވެ.

ދީބާޖާ މައްސަލައި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ހައިކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އަދި މުއްދަތު ހަމަވާ ފަހުން މައްސަލަ ހުށަހަޅޭނެ ގޮތް ބަޔާން ކުރާ ހައިކޯޓުގެ ގަވައިދުގެ 29 ވަނަ މާއްދާގެ (ނ)ގައި ބުނާ އިސްތިސްނާ ހާލަތަށްވެސް އެ މައްސަލަ ނުފެތޭ ކަމަށް ހުކުމުގައިވެ އެވެ.

ސީޖީޓީ މައްސަލައާއި ދީބާޖާ މައްސަލައިގައި ދައްކަން ޖެހޭ ފައިސާ ނުދައްކާވާނެ ގޮތެއް ހޯދުމަށް ކުރެވޭނެ ކަންތައްތައް އަދިވެސް އެބަ ހުއްޓެވެ. ބިގް މައްސަލައިގައި ވެސްމެ އެވެ. ފާއިޒް ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮތް ނަމަ އެ މަސްލަހަތެއް ހިމާޔަތް ކުރަން ބަންޑާރަނައިބު މަސައްކަތް ކުރަން ޖެހޭނެ އެވެ. އެއީ ބަންޑާރަ ނައިބު އަދާކުރައްވަން ޖެހޭ ޒިންމާ އެކެވެ.

"ދައުލަތުގެ މަސްލަހަތު ހިމެނޭ ކަމެއް ވިއްޔާ ޖެހޭނެ ބަންޑާރަ ނައިބު އިންޓަވީން ކުރައްވަން. އެއީ ވާޖިބެއް،" ފާއިޒު ވިދާޅުވި އެވެ.

އެތައް ދުވަހެއް ވަންދެން ކޯޓްތަކުގައި ތާށިވެފައި ހުރި އަމިއްލަ ކުންފުނިތަކެެއްގެ މައްސަލަތައް ކުއްލި ކުއްލިއަށް ކޯޓްތަކުން ނިމި، ދައުލަތުން އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނިތަކަށް ދޫވެގެން ދާން ފެށުމުން ރައްޔިތުން އުފައްދާ ޝައްކުތައް ނުހަނު ބޮޑެވެ. އެހެންވީ އިރު، ގާނޫނީ ގޮތުން ދައުލަތް ހިމާޔަތް ކުރަން ޖެހޭ ބަންޑާރަ ނައިބުގެ ޒިންމާ އަދި މިވަނީ މާ ބޮޑުވެފަ އެވެ. ސުވާލަކީ އެ ޒިންމާ ބަންޑާރަ ނައިބު ނަންގަވާނީ ކިހާ ވަރަކަށް ހެއްޔެވެ؟

comment ކޮމެންޓް