ކޮންގްރެސް ޕާޓީގެ ލީޑާޝިޕް އިންތިހާބުކުރުން ހުކުރު ދުވަހު

ކޮންގްރެސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އެ ޕާޓީގެ ލީޑާޝީޕް އިންތިހާބު ކުރުން ހުކުރު ދުވަހު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑާޝިޕް އިންތިހާބު ކުރުމަށް ބާއްވާ "މަތީ މަޖިލިސް" އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. އެއާއެކު އެ ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ.

އަލަށް އުފެއްދި ކޮންގްރެސް ޕާޓީގައި މިހާރު އޮތީ އެ ޕާޓީ އުފެއްދުމަށް މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ބޭއްވި އާންމު ޖަލްސާއިން އިންތިހާބު ކުރި ވަގުތީ ލީޑާޝިޕެކެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ޕާޓީއެއް ރަޖިސްޓްރީ ވުމާ ގުޅިގެން ތިން މަސް ދުވަސްތެރޭ ޕާޓީގެ މަގާމުތަކަށް ދާއިމީ މެމްބަރުން އިންތިހާބު ކުރަން ޖެހޭނެއެވެ.

އެ މުއްދަތު ހަމަވަނީ، މިމަހުގެ 27 ވަނަ ދުވަހަށެވެ.

ކޮންގްރެސް ޕާޓީން މިރޭ ނެރުނު އިއުލާނުގައި ބުނީ، ގާނޫނުގައި ލާޒިމް ކުރާ ގޮތުގެ މަތިން، ޕާޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ މަތީ މަޖިލިސް މިމަހުގެ 26 ވާ ހުކުރު ދުވަހު ބޭއްވުމަށް މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި އިންތިހާބުކުރާ މަގާމުތަށް:

  1. ޕާޓީގެ ރައީސް
  2. ޕާޓިގެ ދެ ނައިބު ރައީސުން
  3. ޕާޓީގެ މަޝްވަރާ މަޖިލީހުގައި 20 މެމްބަރުން
  4. ޕާޓީގެ މެމްބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމިޓީގެ ފަސް މެމްބަރުން
  5. ޕާޓީގެ އިސްތިއުނާފް ކޮމެޓީގެ ފަސް މެމްބަރުން
  6. ޕާޓީގެ އިންތިހާބު ކޮމެޓީގެ ފަސް މެމްބަރުން

އެ ޕާޓީން ބުނި ގޮތުގައި، މަޝްވަރާ މަޖިލީހަށް އިންތިހާބު ކުރާ މެމްބަރުންގެ ތެރޭގައި، އަންހެން ފަސް މެމްބަރުންނާއި 35 އަހަރުން ދަށުގެ ޒުވާން ފަސް މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

ޕާޓީއަށް ނެރުނު އިއުލާނުގައި ބުނީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ މި ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ކަމަށެވެ.

މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ މިމަހު 15 ވަނަ ދުވަހާ ހަަމައަށް އެޕާޓީގެ ރަޖިސްޓްރީގައި ތިބި މީހުންނަށެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިސްފަރާތްތައް ކޮންގްރެސް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދީ ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ޕީޕީއެމްގެ އިސްފަރާތަތަކަށް އޭރު އޮތުމުންނެވެ. އެގޮތުން ޕީޕީއެމް ހޯދަން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވެސް ކޯޓަށް މައްސަލައެއް ހުށަހަޅައި އެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިޔަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުނީ އެއްބަފާ ބޭބޭފުޅު، ޕިޕީއެމް ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔީމާ އެއްކޮޅަށެވެ.

comment ކޮމެންޓް