ބޭރުގައި އުޅޭ ދިވެހިންނަށް އާސަންދަ ދޭ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރަނީ

ސްރީލަންކާގައި އުޅޭ ދިވެހީންނާ ބައްދަލުކުރުމަށް އާސަންދަ ކުންފުނީގެ އެމްޑީ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ކިޔުންތެރިއެއް

ސްރީލަނަކްގާއި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ކަންކަން ހަމަޖައްސަން އުޅޭ ގޮތާ މެދު އެ ގައުމުގައި ތިބި ބައެއް ދިވެހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމް، އާސަންދައިގެ ދަށުން ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބޭސްފަރުވާގެ ކަންކަން ހަމަޖެހިފައިވާގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ލަންކާފައ އުޅޭ ދިވެހިންނާ ބައްދަލު ވެސް ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މަރިޔަމް ޝަފީގު ހިއްސާކުރި މައުލޫމާތާ ގުޅިގެން ބައިވެރިން ވަނީ ހިތްހަމަނުޖެހުންފާޅުކޮށް އަޑުގަދަކޮށްފަ އެވެ.

އެ ބައްދަލުވުމަށް ދިޔަ ދިވެއްސަކު "ސަން" އަށް ބުނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ނުލިބޭނެ ކަމަށާއި ލިބޭނީ އެ ހިދުމަތުގެ ދަށުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ހިދުމަތް ދޭން ތައާރަފްކޮށްދައިވާ "މެރަނަ" ސްކީމް ކަމަށް މަރިޔަމް ޝަފީގު ވިދާޅުވި ކަމަށެވެ.

"މެރަނަ" ސްކީމްގެ ދަށުން ބޭސްފަރުވާގެ ބިލް ދައްކަންޖެހެނީ އަމިއްލައަށް ކަމަށާއި އެ ފައިސާ އެމީހަކަށް ލިބެނީ ބޭސްފަރުވާގެ ބިލް އާސަންދަ އޮފީހަށް ހުށަހެޅުމުން ކަމަށް މައުލޫމާތު ދެމުން ބުނި ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރަށް ދައްކާފައި ބޭސްފަރުވާކޮށް ނިމިގެން އަމިއްލައަށް ބިލް ދައްކާށޭ އޭގެފަހުން އެ ބިލް ހުށަހެޅީމަ އެއީ ރަނގަޅު އެއްޗެއް ކަމަށްވަންޏާ ތިމަންނަމެން އެ ފައިސާ ދޭނަމޭ މަރިޔަމް ޝަފީގު މި ވިދާޅުވަނީ،" އޭނާ ކިޔައިދިނެވެ.

"މެރަނަ" ސްކީމްގެ ދަށުން އަހަރަކު ބޭސްފަރުވާއަށް މީހަކަށް ދެނީ، 10،000 ރުފިޔާ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އެ ބައްދަލުވުމުގައި ވަނީ ވިދާޅުވި ކަމަށް ވެސް އޭނާ ބުންޏެވެ.

"ސްރީލަންކާގައި އާންމުކޮށް މިއުޅޭ ދިވެހީންނަކީ 1000 ޑޮލަރާއި 1500 ޑޮލަރާ ދެމެދުގެ އާމްދަނީއެއްގެ މައްޗަށް ދިރިއުޅުން ބަރޯސާކޮށްގެން އުޅޭ ބައެއް. އެ މީހުންނަށް ސްކޫލް ޚަރަދާއި ގޭގެ ޚަރަަދާއި މި ހުރިހާ ޚަރަދެއްކޮށްފަ އެ މީހުންނަށް ގޮސް އަމިއްލަ ފައިސާއިން ބޭސްފަރުވާ ނުކުރެވިގެން މިއުޅެނީ ޚަރަދު ބޮޑުކަމުން. އެހެންވެ އާސަންދަ ހޯދަން ވަކާލާތު ކުރަމުން އަންނަނީ. އެކަމަކު މިހާރު މި ބުނަނީ އާސަންދަ ނުލިބޭނެއޭ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ "މެރަނަ" އަކީ އާސަންދައާ ވަކިން ހިންގާ ސްކީމެއް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި "މެރަނަ" ސްކީމްގެ ހިދުމަތްދޭނީ އާސަންދައިގެ ތެރެއިން ކަމަށް މަރިޔަމް ޝަފީގު ވިދާޅުވި ކަމަށެވެ. އަދި އެ ސްކީމަކީ ކޮން ކުންފުންޏެއްގެ ދަށުން ދޭ ހިދުމަތެއްތޯ ދެންނެވުމުން އެ ސުވާލަށް ޖަވާބު ނުދެއްވުނު ކަމަށް ވެސް ބުންޏެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު އެމްޑީއާ ކުރި ސުވާލަކީ މި މެރަނަ ސްކީމަކީ ކޮން ގާނޫނެއްގެ ދަށުން ހަދައިގެން އުޅޭ އެއްޗެއްތޯ. އެއަކަށް ޖަވާބެއް ނުދެވުނު. ދެން އަޅުގަނޑު ކުރި ސުވާލަކީ މެރަނައަށް ޚަރަދުކުރަނީ ކޮން މަޖިލީހަކުން ފާސްކޮށްފަ އޮތް ކޮން ބަޖެޓަކުންތޯ. އެކަށް ވެސް ޖަވާބެއް ނުދެވުނު،" ލަންކާގައި އުޅޭ އޭނާ ބުންޏެވެ.

"ދެން އަޅުގަނޑު ކުރި ސުވާލަކީ ލަންކާގައި އުޅޭ ދިވެއްސަކު އިންޑިއާއަށް ގޮސް ހުއްޓައި ކުއްލި ކަމެއްޖެހިގެން އާސަންދައިން ބޭސްފަރުވާ ކުރެވޭނެތޯ. ވިދާޅުވީ ނުކުރެވޭނެޔޭ. އާސަންދަ ވެސް އަދި މެރަނަވެސް ނުލިބޭނެއޭ. އެމީހަކު ޖެހޭނީ ބޭސްފަރުވާއަށް ލަންކާއަށްދާށޭ،"

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ސްރީލަންކާއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ރާއްޖެއެކޭވެސް އެއްފަދައިން ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް އެމްޑީޕީގެ ވެރިކަމެއްގައި ލިބޭނެ ކަމަށެވެ.

މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް އާސަންދަ ސްކީމާއި މެރަނަ ސްކީމްގެ ތެރެއިން އެ މީހަކު ބޭނުން ސްކީމެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް ސްރީލަންކާގައި އުޅޭ ދިވެހީންނާ ބައްދަލުކޮށް ދެއްކެވި ވާހަކައިގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އެ މައުލޫމާތު ދެއްވާފައިނުވާކަމަށާއި ހަމައެކަނި ވިދާޅުވީ އާސަންދަ ނުލިބޭނެ ވާހަކަ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިޔަކު ކިޔައިދިނެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހަށް ގުޅާލުމުން ފޯނު ނުނަންގަވާތީ މި ޝަކުވާތަކާ ގުޅިގެން އެ ކުންފުނީގެ ބަހެއް ނުލިބުނެވެ.

comment ކޮމެންޓް