މައިންބަފައިން އުމުރުން ދުވަސްވުމުން ބޭނުންވާނީ ބިދޭސީއެއްގެ އެހީތެރިކަމެއް ނޫން: ރައީސް

ރޭ ބޭއްވި ހަފްލާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މައިންބަފައިން އުމުރުން ދުވަސްވުމުން އެންމެ ބޭނުން ވާނީ، ކައިރީގައި ހިދުމަތް ކޮށްދޭން ހުންނަ ބިދޭސީއެއް ނޫން ކަމަށާއި އެ އުމުރުގައި އެންމެ ބޭނުން ވަނީ، ދަރިންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިގޮތަށް ވިދާޅުވީ މަންފާ ސެންޓަރަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭޖް ކެއަރ މޯލްޑިވްސް ގެ ނަމުގައި މިހާރު ހިންގަވާ އެ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފުލާގައި ރައީސް ސޯލިހް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން، ކައިރީގައި ނެތުމުގެ ހިތްދަތި އިހްސާސްކުރަންޖެހި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމުގައެވެ.

"މިކަމާމެދު ވިސްނައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާނުލައި، ކޮންމެ މީހެއްގެ ވެސް ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް،" ރައީސް ސޯލިހް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ، މިއަދު ތަރައްޤީގެ ގޮތުގައި މިފެންނަ ކޮންމެ ކަމަކީ، މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ހިދުމަތުގެ މަލަތައް ކަމަށާއި އެ މީހުންގެ ހިދުމަތުގެ އަގު، އަބަދުވެސް ވަޒަންކޮށް، އަބަދުވެސް އެމީހުންނަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުސަތު ފަހިކޮށްދިނުމާއެކު އަމާން މާހައުލެއް މުޖުތަމަޢުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ. އަދި ހުރިހާ އުމުރެއްގެ މީހުން ވެސް އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި، އިހްތިރާމްކުރުމަށް ރައީސް އިލްތިމާސް ކުރެއްްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި، 10 އަހަރަށް ވުރެ ގިނަ ދުވަހު މެދުނުކެނޑި ހިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި، ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި މުވައްޒަފުންނަށް ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހަނދާނީ ފިލާ ދެއްވިއެވެ.

މަންފާ ސެންޓަރަކީ، ދޮށީ ޢުމުރުގެ މީހުންނަށް އެ މީހުންގެ ޢުމުރާ ގުޅޭ ގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާއިރު، އުފާވެރި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުމަކީ، މި މަރުކަޒުގެ އެންމެ މުހިންމު އެއް މަގްސަދެވެ.

comment ކޮމެންޓް