ވެލާނާ އެއާޕޯޓުގެ ރަންވޭގެ ބައެއް ނެއްޓިގެން ބައެއް ފްލައިޓުތައް ޑައިވާޓްކޮށްފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ފްލައިޓެއް ޖައްސާފައި -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ބައެއް ނެއްޓިގެން އެ އެއާޕޯޓަށް ޖައްސަން އައި ބައެއް ފްލައިޓުތައް ޑައިވާޓްކޮށްފިއެވެ.

ވެލާނާ އެއާޕޯޓުގެ ރަންވޭގެ ބައެއް ނެއްޓިގެން، އެއާޕޯޓަށް ޖައްސަން އައި ބައެއް ފްލައިޓުތައް ނުޖެއްސި ވަގުތުތަކެއް ހޭދަވި ކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ހިނގައި ދިޔައީ މިއަދު ހަވީރު ގަދައަށް ވާރޭ ވެހި ވިއްސާރަވި ވަގުތެއްގަގައެވެ.

"ރަންވޭގެ ތަންކޮޅެއް ނެއްޓުނީ. އަނެއްހެން ބޭނުން ކުރާ ހިސާބެއްވެސް ނޫން އެއީ. އެކަމަކު އަޅުގަނޑުމެން އެކަމުގެ ބާވަތުން އިންސްޕެކްޓު ކުރަން ޖެހޭނެ. އިންސްޕެކްޓު ކުރަން ދިޔަ ވަގުތު އެއީ،" މޫސާ ސޯލިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި، ގޮތުގައި މިއަދު އެކަން ދިމާވެގެން އުޅުނު ވަގުތު ސްރީލަންކަންގެ ފްލައިޓަކަށް ނުޖެއްސި، މަތީގައި މަޑު ކުރެވޭނެ ވަރަށް ތެޔޮ ނެތުމުން، ވަނީ އަނބުރާ ގޮސްފައެވެ.

"ސްރީލަންކަންގެ ފްލައިޓު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަޑުކޮށްލާނެހާ ތެޔޮ ނެތީމަ އަނބުރާ ދިޔައީ. އެ ގަޑީގެ ތެރޭގައި އައި ބައެއް ފްލައިޓުތަކަށް ޑިލޭއެއް އައި. އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއް ދިޔަ ނުޖެއްސިގެން،"

ވެލާނާ އެއާޕޯޓުގައި މިއަދު ނުޖެސުނު މޯލްޑިވިއަންގެ ފްލައިޓު ވަނީ ތެޔޮ އަޅަން ކައްދޫ އެއާޕޯޓަށް ޖައްސައިފައެވެ.

މިއަދު ހަވީރު މައްސަލަ ދިމާވި ނަމަވެސް މިހާރު ޝެޑިއުލްއާ އެއްގޮތަށް ފްލައިޓުތައް އެއާޕޯޓުގައި ޖައްސަމުންދާ ކަމަށް މޫސާ ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް