ޓޮޓެންހަމް ގާތުން ބަދަލު ހިފައި ސިޓީ އެނބުރި އެއްވަނައަށް

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ޓޮޓެންހަމް ކޮޅަށް ގޯލު ޖެހުމަށްފަހު އުފާ ކުރަނީ --- ފޮޓޯ/ ރަޔަން ބެންސަން

މީގެ ދެ ދުވަސް ކުރިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު މެޗު ކާމިޔާބު ކުރި ޓޮޓެންހަމް ގާތުން ބަދަލު ހިފާ އެ މެޗުން ބަލިވި މެންޗެސްޓާ ސިޓީ އިނިގރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗު އެ ޓީމު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅާ އެކު ސިޓީއިން ތާވަލުގެ އެއްވަނާގައި އޮތީ 34 މެޗު ކުޅެ 86 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ލިވަޕޫލްއަށް 34 މެޗު ކުޅެގެން 85 ޕޮއިންޓް ލިބޭ އިރު މިއަދުގެ މެޗުން ބަލިވި ޓޮޓެންހަމް އަށް 34 މެޗު ކުޅެގެން ލިބިފައި ވަނީ 67 ޕޮއިންޓެވެ.

މިއަދު ހަވީރު ކުޅުން މެޗުގައި ޓޮޓެންހަމް ކޮޅަށް ގޯލު ޖެހި ސިޓީގެ ޒުވާން ފޯވާޑް ފިލިޕް ފޮޑެން --- ފޮޓޯ/ރަޔާން ބެންސަން

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެގްރިގޭޓް ނަތީޖާއެއްވަރު ވުމުން އަވޭ ގޯލުގެ ތަފާތުން ސިޓީ ބަލިކޮށް ޓޮޓެންހަމް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު މިއަދުގެ މެޗު ވެގެން ދިޔައީ އެކަމުގެ ބަދަލުހިފުމެއްގެ ގޮތުން ސިޓީ ކުޅުނު މެޗަކަށެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ތަފާތަކަށް ވީ މެޗުގެ ކުރީ ކޮޅު ސިޓީގެ ފިލިޕް ފޮޑެން ޖެހި ގޯލެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔަ ކަމަކީ ސިޓީގެ އޭރިއާ ތެރެއިން ދެފަހަރަކު އެ ޓީމުގެ ޑިފެންޑަރުގެ އަތުގައި ބޯޅަ ޖެހުމުން ވެސް ރެފްރީއަށް އެމަންޒަރު ނުފެނުމެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އަހަރުން ފެށިގެން ވީޑީއޯ އެސިސްޓެންޓް ރެފްރީގެ އެހީ ބޭނުން ކުރަން ފަށާއިރު ޔޫރަޕުގެ ބޮޑެތި ބައެއް ލީގުތަކުގައި މިޙާރު ވެސް ދަނީ ވީއޭއާރުގެ އެހީ ހޯދަމުންނެވެ. ނަމަވެސް ދުނިޔޭގެ އެންމެ ފޯރިގަދަ ލީގުގެ ގޮތުގައި ފާހަގަވެފައިވާ ޕްރިމިއާ ލީގުގައި ވީއޭއާރު ބޭނުން ކުރަމުން ނުދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ލީގުގައި ބާކީ ހަތަރު މެޗު ކުޅެން އޮތް އިރު ސިޓީއިން ދެން އަންނަ މެޗެއްގައި ބައްދަލު ކުރަން ޖެހޭނީ އެ ޓީމާ އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ އެވެ.

comment ކޮމެންޓް