ސެކުލޮސްކީ އެނބުރި މާޒިޔާކެ ކޯޗުކަމަށް

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ --- ފޮޓޯ/ މާޒިޔާ ފޭސްބުކް ޕޭޖް

މީގެ އެއް ސީޒަން ކުރިން މާޒިޔާގެ ޓީމަށް އިރުޝާދުދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އެނބުރި އެ ޓީމުގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

މާޒިޔާގެ ތާރީހުގައި ވެސް އެ ޓީމަށް ގެނައި ފުރަތަމަ ބިދޭސީ ކޯޗު، މަރުޖާން ސެކުލޮސްކީ ފުރަތަމައިން އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އެއަހަރުގެ ޕްރިމިއާ ލީގު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ ސެކުލޮސްކީ ދޫކޮށްލައިފަ އެވެ. މާޒިޔާގެ މެނޭޖްމެންޓާއި ސެކުލޮސްކީއާ ދެމެދު ވާހަކަ ދެކެވި އެއްބަސްވުމަކަށް އައިސް އޭނާ މާޒިޔާގެ ޓީމުން ދުރުވި އިރު އޭނަގެ ކޮންޓްރެކްޓް ހަމަވާން ވެސް ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީއާއި އެ ޓީމުގެ މެނޭޖްމެންޓުގެ އިސްވެރިން --- ފޮޓޯ/ މާޒިޔާ ފޭސްބުކް ޕޭޖް

ސެކުލޮސްކީއަށް ފަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވީ އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރަކަށް މާޒިޔާ ހެދުމުގައި އެންމެ އިސްދައުރެއް އަދާ ކުރި އިންމަ އެނބުރި މާޒިޔާގެ ކޯޗުކަމާ މިދިޔަ އަހަރު ހަވާލުވި ނަމަވެސް އޭނަގެ ޓާގެޓް ފުރިހަމަ ނުކުރެވުން ކަމަށް ބުނެ އޭނަ ވަނީ މާޒިޔާގެ ކޯޗުކަމުން އަމިއްލަ އަށް ދުރުވެފަ އެވެ. އޭނާ މިއަހަރުގެ ސީޒަނުގައި ފެންނާނީ ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ.

މާޒިޔާއިން 2017 ވަނަ އަހަރު ސެކުލޮސްކީގެ ކޯޗުކަމުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ވެލެންސިއާ ބަލިކޮށް 2017 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލުމުގެ އިތުރުން އެ އަހަރުގެ އެސްޓީއޯ މާލޭ ލީގު ވެސް އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި އެ ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ސެކުލޮސްކީ މިއަދުގެ ވަގުތެއްގައި މާޒިޔާގެ ކޯޗު ކަމާ އެނބުރި ހަވާލުވި އިރު އޭނާ ވަނީ މިއަދު މާޒިޔާއާ އެކު ފަރިތަކުރުންތައް ފަށައިފަ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލިވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލުކުރަމުންނެވެ. އެގޮތުން މާޒިޔާއިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއިކޮށް ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރަމުންނެވެ.

އެގޮތުން ޓީސީ އާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ) އާއި ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) އަދި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އަބްދުﷲ ހަނީފް (ބެންޖޯ) ގެ އިތުރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ވެސް އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދީފައިވާ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި ޓީމުގެ ފަހަތް ބަލަހައްޓަމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ މުޖުތާޒް މުހައްމަދު (މުޖޭ)އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި އަމްދާން އަލީ (އެންޑީ) ވެސް ވަނީ އެ ޓީމުގައި މަޑު ކުރަން ނިންމައިފަ އެވެ.

އަދި އޭގެ އިތުރުން އެ ޓީމުގެ މެދުތެރެ ބަލަހައްޓަމުން އަންނަ މުހައްމަދު އިރުފާން (އިރޭ) އާއި ހަސަން ޝިފާޒް (ޑުންގާ) އަދި ހަސަން ނާއިޒް (ދާދު) ގެ އިތުރުން ޒުވާން ކީޕަރު ހުސެން ޝަރީފް ވެސް ވަނީ މާޒިޔާއެކު ކޮންޓްރެކްޓް އިތުރުކޮށްފަ އެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން މި ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރީންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފައެވެ. އެގޮތުން އިސްމާއީލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ. އަދި އަހުމަދު އިމާޒް (އާއްކޮ) ވަނީ ދާދި ފަހުން ދަ ގްރާންޑޭއަށް ސޮއިކޮށްފަ އެވެ.

comment ކޮމެންޓް