މުވައްޒަފުން ނިކުމެ ސްޓެލްކޯ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރަނީ

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުގައި ހުރި ޕޯސްޓަރުތައް އެ ކުންފުނީގެ މުވައްޒަފުން ނައްޓަނީ --- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުން ނިކުމެ މާލެ އާއި ހުޅުމާލޭގައި ހުރި އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ފޮށިތަކުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކާއި އިސްތިހާރުތައް ނައްޓައި އެ ފޮށިތަކުގެ ބޭރު ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތުގައި ސްޓެލްކޯއާ އެކު މާލޭ ސިޓީ ކައުންސިލުން ވެސް ބައިވެރިވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކަކީ ރައްކާތެރި އަދި ސާފުތާހިރު ތަކެއްޗަށް ހެދުމަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި މާލެ އާއި ހުޅުމާލޭގައި ހުރި ހުރިހާ ފޮށިތަކެއް ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން މިއަދު ހެނދުނު ފެށި އެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ސާފުކުރަމުން ދަނީ މާލޭގެ ބޮޑެތި މަގުތަކުގައި ހުރި ފޮށިތަކެވެ.

ސްޓެލްކޯ އިން ކަރަންޓް ފޯރުކޮށްދިނުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ގިނަ އަދަދެއްގެ ކެމްޕެއިން ޕޯސްޓަރާއި ތަފާތު އެހެނިހެން އިސްތިހާރުތައް ވެސް ތަތްކޮށްފައި ހުރެއެވެ. އަދި ފޮށިތަކުގެ މަތީގައި ތަފާތު އެކި ލުއި ބުއިންތައް ހުސްކޮށްފައި ހުންނަ ދަޅާއި ފުޅި ފަދަ ތަކެތި އާންމު ގޮތެއްގައި ބަހައްޓާފައި ހުންނަކަން ފާހަގަކޮށްލެވެ އެވެ.

ސްޓެލްކޯ އިން ބުނީ އެ ފޮށިތައް ސާފުކުރުމަށްފަހު، ފޮށިތަކުގައި އެއްޗެހި ތަތް ކުރުމާއި އޭގެ މަތީގައި އެއްޗިހި ބެހެއްޓުމަކީ މަނާކަމެއް ކަން އަންގައިދޭ ނޯޓިސް ހިތްޕާނެ ކަމަށެވެ.

comment ކޮމެންޓް