ޓްރަމްޕް ހަފްތަރާ ގުޅުއްވައި ހިއްވަރު ދެއްވައިފި

ޓްރަމްޕާއި ލިބިާޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރު

ވައިޓް ހައުސް (އެޕްރީލް 20) : ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.

މިކަން ކަށަވަރުކޮށްދެމުން ވައިޓް ހައުސް އިން ބުނީ ޓްރަމްޕް، ޖެނެރަލް ހަފްތަރާ ފޯނުން ގުޅުއްވައި ޓެރަރިޒަމާ ދެކޮޅަށް އޭނާ ކުރައްވަމުން ގެންދަވާ ހަނގުރާމައަށާއި ލީބިޔާގައި ހަމަޖެހުން ގާއިމް ކުރުމަށް އޭނާ ކުރައްވަމުން ގެންދަވާ ތައުރީފް ކުރެއްވި ކަމުގަ އެވެ. އަދި ލީބިޔާގައިވާ ތެލާއި ގުދްރަތީ ގޭހުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހަފްތަރު އަދާކުރައްވާ ދައުރުގެ މުހިއްމުކަން އެމެރިކާ ގަބޫލުކުރާކަން ވެސް ޓްރަމްޕް ހަފްތަރަށް ދެންނެވި އެވެ.

ހަފްތަރުގެ ބާރުތަކުން ގެންދަނީ މުޅި ލީބިޔާ އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ޓަކައި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. މި ހަނގުރާމައިގެ ފަހަތުގައި ތިބީ އެމެރިކާއަށް އެންމެ ބޮޑަށް ތާއީދުކުރާ އަރަބި ތިން ގައުމު ކަމަށްވާ މިސްރު ސައޫދީ އަރަބިޔާ އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެ އެވެ. ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ތިން މިލިޔަން މީހުން ދިރިއުޅޭއިރު ހަފްތަރުގެ ބާރުތަކުން ގެންދަނީ ގަދަބާރުން ޓްރިޕޮލީ ހިފައި މުޅި ލީބިޔާގެ ވެރިއަކަށް އޭނާ ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރަމުންނެވެ.

މިހަނގުރާމައިގާ މިދިޔަ ހަފްތާގައި އެކަނިވެސް 205 މީހުން މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހުނުކަމަށް އދ. އިން ބުނެ އެވެ. މުޅި ލީބިޔާ ޖެނެރަލް ހަފްތަރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސް ލީބިޔާގެ ވެރިކަން ހޯދުމަށް އޭނާ ފަށާފައިވާ ހަނގުރާމައަށް ދީފައިވާ ނަމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމެވެ.

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ މިހާރު އޮތީ އދ. މެދުވެރިކޮށް އުފައްދާފައިޥާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ބާރުގެ ބޭނުންކޮށްގެން އެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން ޓްރިޕޮލީ އަތުލުމަކީ ތިން މިލިޔަން މީހުން ދިރިއުޅޭ ޓްރިޕޮލީ މުޅިން ހަލާކުވެ އެތަށް ލައްކަ ބަޔަކު މަރުވެގެންދާނެ ކަމެއްކަމަށް އަސްކަރީ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

ހަފްތަރު ޓްރިޕޮލީ އަތްދަށުލުމުގެ ހަނގުޜާމަ ފެށީ ލީބިޔާ އެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ޓަކައި އދ. މެދުވެރިކޮށް ލިބިޔާގެ ވާދަވެރި ހުރިހާ ފަރާތްތަކުގެ މެދުގައި ސުލްޙައިގެ ވާހަކަތަކެއް ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އދ. އިން ރާވާފައި ވަނީ ސުލްހައިގެ ވާހަކަތަކަށް ފަހު ލީބިޔާގައި ރިޔާސީ އިންތިޚާބެއް ބާއްވައިގެން ރައީސަކު އިންތިޚާބު ކުރުމަށްފަހު އޭނާގެ އަތްދަށަށް މުޅި ލީބިޔާ ގެންގޮސް ލީބިޔާގައި އެއްސަރުކާރު އުފައްދައި ލީބިޔާގައި ހަމަޖެހުން ގާއިމް ކުރުމަށެވެ.

ނަމަވެސް އެމެރިކާގެ މަދަދު ލިބޭ މިސްރާއި ސައޫދީ އަރަބިޔާ އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ އެހީއާ އެކު ހަފްތަރު ފެށި ހަނގުރާމައިގެ ސަބަބުން އދ.ގެ ޕްލޭނަށް ވަނީ ހުރަސްއެޅިފަ އެވެ. އަދި ލީބިޔާ މިވަނީ އެތަށް މިލިޔަން ބަޔަކު މަރުވެ މުޅި ގައުމު ހަލާކުވެގެން ދިޔުމުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް