ޕީޕީއެމްގެ އެންމެ ބޮޑު މައްސަލައަކީ ބަލި ގަބޫލު ނުކުރުން: ނިހާން

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އާއި އެކު އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން: ނިހާން ވިދާޅުވީ، ޕީޕީއެމްގެ އެންމެ ބޮޑު މައްސަލައަކީ ބަލި ގަބޫލު ނުކުރުން ކަމަށް ---

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އެންމެ ބޮޑު އެއް މައްސަލަ އަކީ ބަލި ގަބޫލު ނުކުރުން ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގައި ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައި ކަމަށާއި އެކަން ހުރިހާ ފަރާތްތަކަކުން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެމްޑީޕީއަށް އެހާ ބޮޑު ކާމިޔާބީއެއް ލިބުނީ، ރިޔާސީ އިންތިހާބުން ޕާޕީއެމް ބަލިވުމުން ވެސް އެކަން ގަބޫލު ނުކުރެވި އަލުން އަނބުރާ ނުތެދުވުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ފަހަރަކު ނަޝީދުވީމަ ގަބޫލު ނުކުރަން. ނޫން ނޫން އެހެން ތިބެގެން ނުވާނެ. އެ ގަބޫލު ކުރަން ޖެހޭނެ. ޕީޕީއެމްގެ އެންމެ ބޮޑު އެއް މައްސަލައަކީ ބަލި ގަބޫލު ނުކުރުމާއި ބަލިވީމަ ތެދުވެގެން ދުއްވައިގަންނާނެ އުސޫލުތަކެއް ކަނޑައަޅަން ނޭނގި ހިމޭންވެފަ މަޑުޖެހިފަ ތިބުން. އަދި އެ ޖަޒުބާތުތައް ވައިބާ ގްރޫޕްތަކުގައި އެކަނި ބޭނުންކުރުން،" ވިލި މާލޭ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސްއާ އެކު ނިހާން އަދި އަދުރޭ: ޕީޕީއެމްގެ ލީޑާޝިޕް ފަހަތަށް ޖެހެން ޖެހޭ ކަމަށް ނިހާން ވަނީ ވިދާޅުވެފައި --- ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކާމިޔާބު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އަލުން އަނބުރާ އައުމުގެ ފުރުސަތު ރާއްޖޭގައި ވަރަށް ތަނަވަސްކަމާ އެކު އޮތްކަން ފާހަގަކުރައްވައި ނިހާން ވިދާޅުވީ، ޕީޕީއެމްގެ އާންމު މެންބަރުން ވައިބާ ގްރޫޕްތައް މެދުވެރިކޮށް ޖަޒުބާތު ބޭރުކުރުމުގެ ބަދަލުގައި ސޯސަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ހިޔާލު ފާޅުކުރަން ޖެހޭ ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު އޮތް ރަޔާސީ އިންތިހާބު، ޕީޕީއެމުން ކާމިޔާބު ކުރުމަށްފަހު ޖެހިގެން އައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން ނިމިގެން ދިޔަ މަޖިލިސް އިންތިހާބުން އެ ޕާޓީ ބަލިވުމުން ޕީޕީއެމްގެ ލީޑާޝީޕްގައި ތިބި ފަރާތްތަކުން ފަހަތަށް ޖެހެން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި އިދިކޮޅު ޕާޓީއެއް ދުވަހަކު ބޭނުންނުވޭ މިއަދު މި ބޭނުންވާ ވަރަކަށް. ޕީޕީއެމް މިއަދު މިކަން ހަނދާން ނައްތާލައި ގެޔަށް ވަދެއްޖެ ނަމަ ރާއްޖެ ދިވެހި ރައްޔިތުންނަށް ނުލިބޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ގޮތްތަކެއް ހަމަ އެމްޑީޕީގެ ފަރާތުން ކުރިމަތިކުރުވާނެ،" ނިހާން ވިދާޅުވި އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. ޕީޕީއެމް އާއި ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އެންމެ އަށް ގޮނޑިއެވެ.

comment ކޮމެންޓް