އެޖެންޑާ 19 ތަންފީޒު ކުރަން އެމްޑީޕީއިން ފަސް ކޮމިޓީއެއް އެކުލަވާލައިފި

ފެބްރުއަރީ 7، 2019: އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުން: އެމްޑީޕީގެ 86 ކެންޑިޑޭޓުން މިއަދު ފޯމު ހުށަހެޅީ، ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ އިދާރާއިން ފެށިގެން ބާ ޖަމާލުއްދީނާ ހަމައަށް ހިނގާފައި ގޮސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީއިން މަޖިލިސް އިންތިހާބަށް ގެނައި، އެޖެންޑާ 19 ތަންފީޒު ކުރަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފަސް ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޖެންޑާ 19 ތަންފީޒުކުރުމުގެ ގޮތުން ފަސް ކޮމިޓީއެއް އެކުލަވާލީ، ސަރުކާރާއި އެމްޑީޕީގެ މަޖިލީހުގެ މެންބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން އެކުލަވާލި ފަސް ކޮމިޓީއަކީ؛ އިންސާފު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދު ތަންފީޒު ކުރާ ކޮމިޓީ އެވެ.

އެކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، ފަސް ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫއުތައް ދެނެގަނެ އެމަޝްރޫއުތައް ހިންގާނޭ އުސޫލުތައް ދެނެގަތުން ކަމަށް އެމްޑީޕީއިން ބުންޏެވެ.

މި ކޮމިޓީތަކުގައި ހިމެނެނީ ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުންނާއި، ފަންނީ މާހިރުންނެވެ.

comment ކޮމެންޓް