ނުވަ އަހަރަށް ފަހު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް ކުރިއެރުން

އޭޕްރިލް 8، 2016: ހިމޭން ހިގާލުމުގެ ނަމުގައި ނޫސްވެރިން ކުރި އިހުތިޖެއްގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ނުވަ އަހަރަށް ފަހު ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނުރުނު އެ ރިޕޯޓްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 98 ވަނައިގަ އެވެ. އެ ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ. އެހެން ކަމުން އެއީ މިދިޔަ އަހަރަށް ވުރެން 22 ދަރަޖައިގެ ކުރިއެރުމެކެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ނޫސްވެރިކަމުގެ މިންވަންކަމުގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިފައިވަނީ، ސިޔާސީ ގޮތުން އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ގައުމުތަކުގެ ސިޔާސީ މަޝްރަހު އޮންނަ ގޮތަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް ސީދާ ގޮތެއްގައި އަސަރު ކުރަމުންދާ ކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ނިމިގެން ދިޔަ ވެރިކަމުގެ ދައުރުގައި ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ ފަހަތަށް ޖެހިފައިވާއިރު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ބައެއް ގާނުނުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އަބަރުގެ ގާނޫނު އުވާލާއި މިނިވަން ނޫސްވެރިކަމަށް ފަހި ދޮރުތަކެއް ހުޅުވާލައިފަ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ވެސް އެއްވަނައިގައި އޮތީ ނޯވޭ އެވެ. ދެވަނައިގައި ފިންލޭންޑް އޮތް އިރު ތިން ވަނައިގަ އޮތީ ސްވިޑްން އެވެ. ޖެހިގެން ދެން އޮތީ ނެދަލޭންޑްސް، ޑެންމާކް، ސްވިޒަލޭންޑް އަދި ނިއުޒީލޭންޑެވެ.

comment ކޮމެންޓް