"ނުބައި ޕާޓީއަށް" ވޯޓު ދެވުނު އިންޑިއާ މީހަކު އިނގިލި ބުރިކޮށްލައިފި

ޕަވަން ކުމާރު ބުނި ގޮތުގައި އޭނާގެ އިނގިލި ބުރިކޮށްލީ ނުބައި ޕާޓީއަކަށް ވޯޓު ދެވުމުން --

ދިއްލީ (އޭޕްރިލް 19): އިންޑިއާގައި މިހާރު ކުރިއަށް ދާ އާއްމު އިންތިހާބުގައި "ނުބައި ޕާޓީއަކަށް" ވޯޓު ދެވިއްޖެ ކަމަށް ބުނެ އެގައުމުގެ މީހަކު އޭނާގެ ޝަހާދަތް އިނގިލި ބުރިކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯއެއްގައި ޕަވަން ކުމާރު ބުނާ ގޮތުގައި އޭނާގެ އިނގިލި އަމިއްލައަށް ބުރިކޮށްލީ، އޮޅުމަކުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރަކަށް ވޯޓު ދެވުމުންނެވެ.

އިންޑިއާގެ އާއްމު އިންތިހާބުގެ ދެވަނަ ފިޔަވަހީގައި އިއްޔެ ކުމާރު ވޯޓުލީ އުއްތަރަ ޕްރަދޭޝްގެ ބުލަންދުޝަހަރުގަ އެވެ.

"އަހަރެން ބޭނުންވީ އެތަށް (ބަހޫޖާން ސަމަޖް ޕާޓީއަށް) ވޯޓު ދޭން. ނަމަވެސް އޮޅުމަކުން ވޯޓު ދެވުނީ މަލަށް (ބީޖޭޕީއަށް)،" ކުމާރު ބުންޏެވެ.

އިންޑިއާގެ އާއްމު އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން މެޝިނުން ވޯޓުލާ އިރު، ކޮންމެ ކެނޑިޑޭޓެއްގެ ނަމުގެ ކައިރީގައި ޕާޓީ ރަމްޒުކޮށްދޭ ނިޝާނެއް ހުންނާނެ އެވެ. އެއީ ލިޔަންކިޔަން ނުދަންނަ 300 މިލިއަން މީހުން ދިރިއުޅޭ އިންޑިއާގައި ވޯޓުލާ އިރު، އެމީހުން ވޯޓު ލަނީ ކޮން ކެނޑިޑޭޓަކަށްކަން ޔަގީންކޮށްދިނުމަށް އަޅާ ފިޔަވަޅެކެވެ.

އިންޑިއާގެ ޕާލިމެންޓުގެ ތިރިގޭގެ އެންމެ ގިނަ އަދަދެއްގެ މެމްބަރުން ހޮވަނީ އުއްތަރަ ޕްރަދޭޝްއިންނެވެ. އެގޮތުން އެސްޓޭޓުގެ 80 މެމްބަރުން ޕާލިމެންޓުގައި ތިއްބަވަ އެވެ. ދެހާސްސާދަ ވަނަ އަހަރު ބީޖޭޕީން ކާމިޔާބު ކުރި ޖުމްލަ 282 ގޮނޑީގެ ތެރެއިން 71 ގޮނޑި ލިބުނީ އުއްތަރަ ޕްރަދޭޝްއިންނެވެ.

ނަމަވެސް މިއަހަރު އެސްޓޭޓުގެ މައި ދެ ޕާޓީން ވަނީ ބީޖޭޕީ ފަހަތަށް ޖައްސާލުމަށްޓަކައި ކޯލިޝަނެއް ހަދާފަ އެވެ. އެއީ ސަމަޖުވާދީ ޕާޓީ (އެސްޕީ) އާއި ބީއެސްޕީ އެވެ. ދެޕާޓީގައިވެސް އިސްކޮށް ތިއްބަވަނީ އެސްޓޭޓުގައި ޗީފް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ އަކިލޭޝް ޔާދަވް އާއި ކުމާރީ މަޔަވަތީ އެވެ.

އެއިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން އޮންނާނީ އަންނަ ހަފްތާގެ އަންގާރައިގަ އެވެ. ހަތް ފިޔަވައްސަކަށް އިންޑިއާގެ ސްޓޭޓުތައް ބަހާލައިގެން ކުރިއަށްގެންދާ އެއިންތިހާބު ނިމޭނީ އަންނަ މަހުގެ 19އިގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ އެމަހުގެ 23ގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް