ސަރުކާރުން ދީބާޖާ ކުންފުންޏަށް 348.10 މިލިއަން ރުފިޔާ ދޭންޖެހިއްޖެ

ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓު --- ފައިލް ފޮޓޯ/ ގެޓީ އިމޭޖްސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

ނ. ރ. ބ. އަދި ޅ އަތޮޅަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މީގެކުރިން ވަނީ ބާތިލް ކޮށްފައެވެ.

ދީބާޖާ ކުންފުނިން ހުށަހެޅި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށްފައެެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށެވެ. ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާގޮތުން މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަންވާނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވާ ހާލަތުގައި އެކަންޏެވެ.

ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހެޅި ސަބަބުތަކަކީ ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބުތަކެއް ކަމަށް ބަލަންޖެހޭ ޝަރުއީ އަދި އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައި ވަނީ އެ މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް