އެސްޑީއެފްސީ އިން އިތުރު ދެ ލޯނު ތައާރަފްކޮށްފި

އެސްޑީއެފް ކުންފުނި ރައީސް އިފްތިތާހު ކުރުމުގެ ތެރެއިން: އެ ކުންފުނިން މިއަދު ވަނީ އިތުރު ދެ ލޯނު ތާރަފްކޮށްފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އަލަށް ފަށާ ވިޔަފާރިތަކާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒު ކޮށްގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އިތުރު ދެ ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ އެސްޑީއެފްސީން އަލަށް ތައާރަފްކުރި ދެ ލޯނަކީ "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ތަރައްގީ" އެވެ.

އެސްޑީއެފްސީ އިން މިއަދު ނެރުނު އިއުލާނުގައި ބުނީ، ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަދާކުރާ ގޮތަށް ދޫކުރާ މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ، ހަތަރު ޕަސަންޓާއި ނުވަ ޕަސަންޓާ ދެމެދުގެ އިންޓްރެސްޓް ރޭޓެއް ކަމަށެވެ.

އެކުންފުނިން ނެރުނު ބަޔާނުގައި ބުނީ، ލޯނު ދޫކުރެވޭނެ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައެޅޭނީ، ލޯނު އެޕްލިކޭޝަންތަކާއި ވިޔަފާރީގެ ރިސްކު އަދި ފީސިބިލިޓީ އަށް ވެސް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. އަދި ލޯނުގެ އަދަދާއި ވިޔަފާރި އަށް ބެލުމަށް ފަހު، ރަހުނަކާ ނުލައި ވެސް ލޯނު ދޫކުރެވިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނީ، އަލަށް ތައާރަފް ކުރެވުނު ދެ ލޯނުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބި، ވިޔަފާރިތައް ތަރައްގީ ކުރުމުގައި ބައިވެރިޔެއްގެ ގޮތުގައި އެކުންފުނިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

މިއަދު އެކުންފުނިން ތައާރަފް ކުރި ދެ ލޯނާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ޖުމްލަ ހަ ލޯނެއް އެކުންފުނިން ދޫކުރެއެވެ.

comment ކޮމެންޓް