މަހެއްވީއިރު ވެސް ބޮޑު ދެ ފޭރުމުގެ ފައިސާތައް ނުހޯދޭ

ފޭރުމުގެ މައްސަލަތަކާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފޭރުމުގެ ބޮޑު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ އެއްވެސް ވަރަކަށް އަދި ހޯދިފައި ނުވާ ކަމަށާއި ނަމަވެސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފޭރުމުގެ ބޮޑު ދެ މައްސަލައަކީ އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ފޭރިގަތް މައްސަލަ އަކާއި މިފްކޯގެ ވޭނެއް ހުއްޓުވައި އޭގައި ހުރި ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލަ އެކެވެ.

ފޭރުމުގެ މައްސަލަތަކާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ، އެދެ މައްސަލައިގައި ހިމެނޭ އެއްވެސް ފައިސާއެއް ނުފެންނަ ކަމަށެވެ. އަދި އެކަމުގައި ކުރިއެރުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

އެސްބީއައިއަށް ފައިސާ ޖަމާކުރަން ދިޔަ ބީއެޗްއެމްގެ މުވައްޒަފުގެ އަތުން ފައިސާތައް ފޭރިގަތީ މިދިޔަ މާޗްމަހު ހެނދުނު 10 ވަނަ ދުވަހުއެވެ. ބީއެޗްއެމްގެ މުވައްޒަފަށް ހަމަލާދިނީ އެސްބީއައި ކުރިމައްޗަށް ވެހިކަލް ހުއްޓައި އޭނާ ވެހިކަލުން ފޭބިވަގުތު ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހުން ތޫނު އެއްޗަކުން ހަމަލާދީ ފެޕާސްޕްރޭ ޖަހައިގެންނެވެ.

އެ ހާދިސާގައި ހަތަރު މީހުން އަމަލީ ގޮތުން ބައިވެރިވިއިރު އޭގެ ތެރޭގައި ތިން ކުޑަކުއްޖަކާއި 21 އަހަރުގެ ފިރިހެނަކު ހިމެނެއެވެ. އަދި އޭގެ ތެރެއިން ދެ ކުޑަކުއްޖަކަށް ހެކި ނައްތާލުމުގެ ތުުހުމަތު ކުރި ނަމަވެސް ފަހުން ހެކި ނެތްކަމަށް ބުނެ ޖުވައިނަލް ކޯޓުން ވަނީ ދެ ކުދިން ދޫކޮށްލައިފައެވެ.

އަދި އޭގެ އިތުރުން އެ އަމަލު ރާވާ ހިންގައި ފައިސާ ފޮރުވުމުގައި ހަރަކާތްތެރިވި 23 އަހަރުގެ ދެމީހަކުވެސް ފުލުހުން ހައްޔަރުކުރިއެވެ.

އަމަލީގޮތުން ފޭރުމުގައި ބައިވެރިވި ދެ މީހަކު ފައިސާތައް ހިފައިގެން އެދުވަހު ސްކޫޕް ގޯޅިތެރޭގައި ހުރި ގެއަކަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. އަދި އެ ގެއަކީ އެ މައްސަލަައިގައި ތުހުމަތު ކުރެވޭ މީހެއްގެ އާއިލާގެ ގެއެއް ކަަމަށް ފުލުހުން ބުންޏެވެ. އަދި ހަމަ އެގެއިން، އެ މައްސަލައިގައި ތުހުމަތު ކުރެވޭ 23 އަހަރުގެ ދެ މީހުން އެ ފައިސާތައް އެހން ދަބަހަކަށް ލައިގެން ޓެކްސީއެއްގައި ހުޅުމާލެއަށް ދިޔަކަންވެސް އެނގިފައިވާ ކަަމށް ފުލުހުން ބުންޏެވެ.

ފޭރުމުގެ ހާދިސާތަކަށް ބަލާއިރު މިފްކޯގެ ވެހިކަލެއްގައި ހުރި ލާރިތައް ފޭރިގަތީ މިދިޔަ މަހު 20 ވަނަ ދުވަހުއެވެ. މިފްކޯގެ ވެހިކަލްގައި އެއާޕޯޓްއަށް ދެ މިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރަނިކޮށް ކޯރާޑިއާއި މަރުރޭލުން އެ ވެހިކަލްގެ ބިއްލޫރިތައް ތަޅާލައި ވަނީ ފައިސާތައް ފޭރިގެންފައެވެ. އެ ފައިސާތައް ފޭރިގެންފައިވަނީ ދެ ސައިކަލްގައި މޫނު ނިވާކޮށްގެން ތިބި ހަތަރު މީހެއްކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި 19 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރި ކަމަށާއި އެ ދެމީހުންގެ އެބާވަތުގެ ކުށުގެ ރެކޯޑް މީގެ ކުރިންވެސް އޮންނަ ކަަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށާއި އަދި އެ މައްސަލަ އިސްތިއުނާފް ކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ އަނެއް ދެ މީހުން ހޯދަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް