މައްސަލަތަކުގެ ހަގީގަތް ހޯދިއްޖެ، ރިޕޯޓް ނެރުން ޖުލައިގައި: ސުއޫދު

ރިޔާސީ ކިމިޝަންގެ ރައީސް ސުއޫދު: އެނާ ވިދާޅުވީ، ކޮމިޝަންގެ ފައިނަލް ރިޕޯޓު ނެރުން ޖުލައި މަހަށް ފަސްކޮށްފިކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ ގިނަ މައްސަލަތަކުގެ އެންމެ ފުނަށް ދެވިއްޖެ ކަމަށާއި އަމާޒަކީ ޖުލައި މަހަށް ފައިނަލް ރިޕޯޓް ނެރުން ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަންތަކަށް ބާރުދޭ ބިލް ލަސްވުމުގެ ސަބަބުން މީގެ ކުރިން އެ ކޮމީޝަނުން ބުނެފައިވަނީ، ކޮމިޝަނަށް މައްސަލަތައް ބެލުމުގައި ލަސްތަކެއް ވާނެ ކަމަށެވެ. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ކޮމިޝަންގެ މަސައްކަތްތައް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ.

ސުއޫދު މިއަދު "ސަން" އަށް ވިދާޅުވީ، ކޮމިޝަނަށް ބާރުދޭ ބިލު ފާސްވުމާ އެކު، ކޮމީޝަންގެ މައްސަލަތައް "ހަލުވި" ކަމާއެކު ކުރިއަށް ދާނެ ކަމަށާއި ކޮމިޝަންގެ އަމާޒަކީ އެ ބިލް ފާސްވުމާއެކު ޖުލައި މަހަށް ފައިނަލް ރިޕޯޓު ނެރުން ކަމަށެވެ.

"ފައިނަލް ރިޕޯޓު ނެރުން ޖުލައި މަހަށް ފަސްކޮށްފިން. ގާނޫނު ފާސްވުމާއި މިހުރިހާ ކަމަކާ ގުޅުވާލައިފައި އެއީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، މައްސަލަތައް ބެލުމުގައި މާބޮޑު ގޮންޖެހުންތަކެއް ނެތް ކަމަށާއި ނަމަވެސް ގާނޫނުން ކޮމިޝަނަށް ބާރު ނެތުމުން ބައެއް މައްސަލަތައް ބެލުމުގައި އިޖުރާއަތްތައް ފުރިހަމަ ކުރުމުގައި ދަތިތަކެއްވާ ކަމަށެވެ.

"ވަރަށް ގިނަ މައްސަލަތަތަކުގެ ހަގިގަތް އެނބަ އެނގޭ،" ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ އެންމެ ފުނަށް ދެވިއްޖެތޯ ސުވާލުކުުމުން ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، މައްސަލަތަކުގައި ލިބިފައި ހުރި ކުރިއެރުންތައް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ކޮމިޝަނުން މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުން އެކޮމިޝަނުން މަރުގެ 20 މައްސަލައަކާއި ގެއްލިފައިވާ މީހުންގެ ހަތަރު މައްސަލައެއް ދަނީ ބަލަމުންނެވެ.

ހަގީގަތް ނުހޯދި ހުރި މަރުގެ މައްސަލަތަކާއި ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް