ކޯސްޓްގާޑް ޑައިވިން ކޯހުގެ ބައިވެރިންނަށް ކަނޑުއަޑީގައި ބެޖު ހަވާލުކޮށްފި

ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ ބައިވެރިންނަށް ބެޖު ހަވާލުކުރަނީ--- ފޮޓޯ/ އެމްއެންޑީއެފް

ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ ބައިވެރިންނަށް ކަނޑުއަޑީގައި ބެޖު ހަވާލުކޮށްފި އެވެ.

ކޯހުގެ ބައިވެރިންނަށް ކަނޑުއަޑީގައި ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ އަބްދުﷲ ޝަމާލެވެ.

ބައިވެރިންނަށް ބެޖު ހަވާލުކުރި އިރު މިއަދު ވަނީ އެމްއެންޑީއެފް ގިރިފުށި ޓްރޭނިން ސެންޓަރުގައި ދަސްވެނިވުން ބާއްވައިފަ އެވެ.

އެ ކޯހަކީ ރާއްޖެ އިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި ކޯހެކެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އެވެ.

ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލާންސް ކޯޕްރަލް އިޝާގް ރަޝީދެވެ. އެ ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަގާމް އެމްޑީޔޫ ދޭއްގެ ލާންސް ކޯޕްރަލް މިފްތާހް އިބްރާހީމް ހޯދި އިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައި ވަނީ ސްރީލަންކާގެ ލާންސް ކޯޕްރަލް ޗަތުރަންގާ އެލްއޭއެސް އެވެ.

އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލާންސް ކޯޕްރަލް ހަސަން ޢަލީ އެވެ.

އެމްއެންޑީއެފް ގިރިފުށި ޓްރޭނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ތެރެއިން-- ފޮޓޯ/އެމްއެންޑީއެފް

މިދިޔަ ޖަނަވަރީ 14 ވަނަ ދުވަހު ފެއްޓި އެ ކޯހަކީ 16 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި އެ ކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައި ވަނީ 19 ދަރިވަރުންނެވެ.

ބޭރު އަސްކަރިއްޔާތަކުން އަށް ސިފައިން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާ އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ ހަ ސިފައިންގެ ބޭކަލުން ހިމެނެ އެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން އެ ކޯހުގައި ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް