އެމްއެމްޕީއާރުސީން އެކިފަރާތްތަކަށް ދައްކަންޖެހޭ ފަސް މިލިއަން ރުފިޔާ ދައްކައިފި

އެމްއެމްޕީއާރުސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފަސް މިލިއަން ރުފިޔާ އެ ފަރާތްތަކަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއެމްޕީއާރުސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އާ ސަރުކާރު ހަވާލުވުމަށްފަހު އެމްއެމްޕީއާރުސީ އިން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ފަސް މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ ފައިސާ ނުދައްކާހުރި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބަޖެޓުގެ ގޮތުގައި 11.10 މިލިއަން ޑޮލަރު (184 މިލިއަން ރުފިޔާ) ވަނީ ކަނަޑައަޅައިފަ އެވެ.

ޕްރޮމޯޝަނަލް ގިނަ ހަރަކާތްތަކެއް

މި ބަޖެޓާއެކު އެހެން އަހަރުތަކާ ހިލާފަށް، ތަފާތު ގިނަ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ޓްރެވަލް އެންޑް ޓްރޭޑް ފެއާސްތަކާއި، ރޯޑް ޝޯތަަކުގެ އިތުރުން ފޭމް ޓްރިޕްސްތައް މިއަހަރު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މިއަހަރުގެ މިހާތަނަށް 11 ފެއާ އެއްގައި ރާއްޖެ އިޝްތިހާރުކޮށްފައިވާއިރު އެއް ރޯޑްޝޯ އާއި ދެ ފޭމް ޓްރިޕް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެމިނާ ތަކާއި ނެޓްވޯކިން ޓްރިޕް ތަކުގެ ތެރެއިން އެއް ދަތުރު މިިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެމްއެމްޕީއާރުސީ އިން ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު ހަދާފައިވާ މާކެޓިން ޕްލޭނަކީ ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ލަފަޔާއެކު، މާކެޓް ރިސާޗެއްވެސް ކުރިއަށް ގެންގޮސްގެން ތައްޔާރުކޮށްފައިވާ ޕްލޭނެއްކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްލޭން ތައްޔަރުކޮށްފައިވަނީ ތިން ބަޔަކަށް މާކެޓު ބަހާލުމަށް ފަހުގަ އެވެ.

އެގޮތުން މަތީފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ޕްރައިމަރީ ސްޓްރެޓަޖީއެއް އެކުލަވާލާފައިވާއިރު، މި ސްޓްރެޓަޖީގެ ދަށުން ރާއްޖެ އިޝްތިހާރުކުރާނީ ލަގްޒަރީ މާކެޓެއްގެ ގޮތުގަ އެވެ. ސެކަންޑްރީ ސްޓްރެޓަޖީގެ ދަށުން ގެސްޓްހައުސްތައް ޕްރޮމޯޓު ކުރާއިރު ތިންވަނަ ސްޓްރެޓަޖީގެ ދަށުން ރާއްޖެ އިޝްތިހާރު ކުރާނީ ބަޖެޓް ޓްރެވެލާސް އަށް އަމާޒު ކޮށްގެންނެވެ.

މިއަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް 22 މާކެޓެއް ކަނޑައަޅާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމާއި، ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވެފައިވާ ގައުމުތަކެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު 37 ފެއާ އާއި ރޯޑް ޝޯގައި ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް އަރަބިއަން ޓްރްރެވަލް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ އިތުރުން ދުބާއީ މޯލްގެ 433 ސްކްރީނެއްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ މެޓްރޯ ސްޓޭޝަންތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށާއި، ރާއްޖެ އިޝްތިހާރު ކުރުމަށް މީޑިއާ ކެމްޕެއިނެއް ކުރިއަށް ގެންދިޔުމަށް ބީބީސީ އާއި ސީއެންއެން އަދި އެންޖީސީ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ދުނިޔޭގެ އެންމެ މަގުބޫލު މިޑިއާ ތަކުގެ ތެރެެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބޭ ބަޔަކާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މީގެ އިތުރުން ދުނިޔޭގެ 22 ގައުމަކުން މީޑިއާ ފޭމް ޓްރިޕްސްތައް ބާއްވަން ނިންމާފައިވާއިރު، މި ދަތުރުތަކުގައި މަޝްހޫރު ޓްރެވެލް ބްލޮގްތަކުން ބައިވެރިވެ، އެމީހުންގެ ތަޖުތިބާ ހިއްސާ ކުރާނެ އެވެ. މިހާރުވެސް އިންޑިއާގެ މީޑިއާ ޓީމެއްގެ އިތުރުން ކޮރެއާގެެ ކޭ-ޕޮޕް ބޭންޑެއް ވަނީ މި ހަރަކާތުގެ ދަށުން ރާއްޖެ އައިސްފަ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް އޮސްޓްރޭލިއާ އާއި ޗައިނާ، ފްރާންސް، ޖަރުމަނު، އިންޑިއާ، މިޑްލް އީސްޓް، ރަޝިއާ، ސައިތު ކޮރެއާ، ޔޫކޭ އަދި ސައުތު އީސްޓް އޭޝިއާ އާއި އެމެރިކާގައި ޕީއާރު ރެޕްރެޒެންޓޭޓިވުން ހަރަކާތްތެރިވަމުންދެ އެވެ. މީގެ އިތުރުން ގައުމުތަކުން ޕީއާރު ރެޕްރެޒެންޓޭޓިވުން ނެގުމަށް ވަނީ ނިންމައިފަ އެވެ. މި ޕީއާރު ރެޕްރެޒެންޓޭޓިވުން މަސައްކަތް ކުރާނީ ރިޓެއިނާ ބޭސިސްގަ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މިއަހަރު ރާއްޖެއަށް ގެނައުމަށް އަމަޒު ހިފާފައިވާ 1.5 މިލިއަން ޓޫރިސްޓުންގެ އަމާޒު ފަހަނަ އަޅައި ދެވޭނެ އެވެ.

comment ކޮމެންޓް