ޕާކިސްތާނުގެ ބަހެއްގައި ތިބި މީހުންނަށް ހަމަލާދީ 14 މީހުން މަރާލައިފި

ޕާކިސްތާނުގެ ގުވާދަރުން ކަރާޗީއަށް ދަތުރު ކުރަމުން ދިޔަ ބަހެއްގައި ތިބި 14 މީހުން ވަނީ މަރާލާފައި -- ފޮޓޯ: އީޕީއޭ

އިސްލާމްއާބާދު (އޭޕްރިލް 18): ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ ބަލޮޗިސްތާން ޕްރޮވިންސުގައި ބަޑި ހިފައިގެން ތިބި ބަޔަކު ބަހަކަށް އަރައި 14 މީހުން މަރާލައިފި އެވެ.

ބަލޮޗިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ޒަހޫރު ބުލެދީ ވިދާޅުވި ގޮތުގައި ބަހުގައި ތިބި މީހުން މަރާލީ އެމީހުން އެހެން ތަނަކަށް ގެންދިޔުމަށް ފަހުގަ އެވެ.

"އެމީހުންގެ އައިޑީ ކާޑާއި ބިޒްނަސް ކާޑު ހޯދައި، ބަލޮޗިސްތާނަށް ނިސްބަތް ނުވާ މީހުން ބެލީ. އެއަށް ފަހު އެމީހުން ފަރުބަދަމަތީ ސަރަހައްދަށް ގެންގޮސް، އެމީހުން ދެއަތް ބަދެ، ބަޑި ޖަހާ މަރާލީ،" ބުލެދީ ވިދާޅުވި އެވެ.

އެހަމަލާ ދިން ވަގުތު ބަސް ދަތުރު ކުރަމުން ދިޔައީ ގުވާދަރުން ކަރާޗީއަށެވެ. ބަލޮޗިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބަލޮޗް ރާޖީ އާޖޮއި ސަންގަރުން ވަނީ އެހަމަލާގެ ޒިންމާ ނަގައިފަ އެވެ. އަދި އެޕްރޮވިންސުގެ ހޯމް މިނިސްޓަރު ޒިއާ ލަންގަވް ވަނީ އެހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް