ކިލަނބުވެފައިވާ އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރަނީ

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ އަމަލުތައް ހިނގި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ނަން އެހެން ނަމަކަށް ބަދަލުކުރަން އެ ކުންފުނީގެ ބޯޑުން ރައީސް އޮފީހުގައި އެދިއްޖެ އެވެ.

ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތަށް އުފައްދާފައިވާ އެމްއެމްޕީއާރުސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ނަން ބަދަލުކޮށްދިނުމަށް ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ނަން ބަދަލުކޮށް ކިޔަން ހުށަހަޅާ ނަންތަކެއްވެސް ފޮނުވާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ނަންތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ތޮއްޔިބު ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ކުންފުނީގެ ނަން ބޭނުން ކުރުމުގެ ބަދަލުގައި މަސައްކަތް ކުރައްވަނީ 'މޯލްޑިވްސް ދަ ސަނީ ސައިޑް" އިޝްތިހާރު ކުުރުމަށް ކަމަށެވެ.

ހިޔާނާތުގެ މައްސަލައާއެކު އެކުންފުންޏާ ދޭތެރޭ މީހުންގެ ތަސައްވަރު ވަނީ ކިލަނބުވެފަ އެވެ. ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްކުރާ ކުންފުނީގެ ގޮތުގައި އެ ނަމުގައި ހަރަކާތްތެރިވުމަކީ ކޮންމެވެސް ވަރެއްގެ ދައްޗަކަށް ވަނީވެފަ އެވެ.

comment ކޮމެންޓް