އުނގޫފާރުގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށްފި

ބީއެމްއެލްއިން ރ. އުނގޫފާރުގައި ގާއިމްކުރި ބްރާންޗް އަދި އާ އޭޓީއެމް ސެންޓަރު-- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ރ. އުނގޫފާރުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށްފި އެވެ.

މިއާއެކު އެ ސެންޓަރުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުުމަތް ލިބޭނެ އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ގާއިމްކުރި އާ ބްރާންޗް ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ހާއަސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އުނގޫފާރު ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ
ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރީލް މަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގަ އެވެ.

މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސާވިސް ބޭންކިންގް ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އުފަލެއް ކަމަށެވެ.

"އުނގޫފާރަކީ ވިޔަފާރި އާއި އިގްތިސާދީ ގޮތުން ބަލާއިރު އަތޮޅުގެ މައި ރަށް. އިންވެސްޓްމަންޓްތަކުގެ ފައިދާ އުނގޫފާރަށާއި ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ލިބިގެންދާނެ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސާވިސް ބޭންކިން ސެންޓަރު 100 އޭޓީއެމް، 5300 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްއިން އަމާޒު ހިފާފައި ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

comment ކޮމެންޓް