ފަސް މަސް ފަހުން ތިލްމީޒާ އާއި ފަރަހަނާޒްއަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

ޔޫކޭއަށް ކަނޑައެޅުއްވި ސަފީރު ޑރ. ފަރަހަނާޒް އަދި އެމެރިކާއަށް ކަނޑައެޅުއްވި ސަފީރު ތިލްމީޒާ (ކ-ވ).

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައެޅި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އާއި އެމެރިކާއަށް ކަނޑައެޅި ސަފީރު ތިލްމީޒާ ހުސެއިންއަށް ރައީސް ސޯލިހު މިއަދު ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި އެވެ.

އެ ހަފްލާ އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އެ ދެބޭފުޅުން ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި ފަރަހަނާޒް އާއި ތިލްމީޒާއަށް ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރުން މިހާ ބޮޑަށް ލަސްވެގެން ދިޔައީ، އެދެބޭފުޅުން އައްޔަން ކުރި ގައުމުގެ ސިޓިޒަންޝިޕް، ނޫނީ އެ ގައުމުގެ ރައްޔިތުކަން އެބޭފުޅުންގެ އަތުގައި އޮންނާތީ އެވެ. އެދެބޭފުޅުން މިހާރު ވަނީ އެ ގައުމުތަކުގެ ރަށްވެހިކަން ދޫކޮށްލައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން، "ސަން"އިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިޔުނިކޭޝަންސް މިޔުވާން މުހައްމަދު ވިދާޅުވީ އެބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރުން ލަސްވީ ސަފީރަކު އައްޔަން ކުރުމުގެ ކުރިން ދެ ގައުމުގެ މެދުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނުނިމިގެން ކަމަށެވެ.

ސަފީރުކަން ހަވާލުކުރުމުގެ ކުރިން ވެސް ޑރ. ފަރަހަނާޒް ދިރިއުޅުއްވަމުން ގެންދެވީ ވެސް އިނގިރޭސިވިލާތުގަ އެވެ. އަދި ތިލްމީޒާ ވެސް ދިރިއުޅުއްވަމުން ގެންދެވީ، އެމެރިކާގަ އެވެ.

ޑރ. ފަހަރަނާޒް އަކީ މީގެ ކުރިން، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ.ފަރަހަނާޒް ޕީއެޗްޑީ ހާސިލް ކުރައްވާފައިވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލް އިންނެވެ.

ތިލްމީޒާ ހުސައިން މިހާތަނަށް ހުންނެވީ، ނިއުޖާސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަގާމުގައާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވޯކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަގާމުގަ އެވެ.

ތިލްމީޒާ ހުސައިން މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕާމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރު ގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. ތިލްމީޒާއަކީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވާސިޓީއިން މާސްޓާ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް