އިންޑިއާގެ އިންތިހާބުގެ ދެވަނަ ފިޔަވަހި: ރިޝްވަތާއި ވޯޓުލާ މެޝިންތަކުގެ މައްސަލަތަކެއް

އިންޑިއާގެ އާއްމު އިންތިހާބުގެ ދެވަނަ ފިޔަވަހީގެ ވޯޓުލުން ވަނީ ފަށާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 18): އިންޑިއާގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި އާއްމު އިންތިހާބުގެ ދެވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މިއަދު ވޯޓުލާ ސްޓޭޓުތަކީ ވެސްޓް ބެންގާލް، މަނިޕޫރު، ތްރިޕޫރާ، ޓަމިލް ނާޑޫ، ޕުޑުޗެރީ، އައްސާމް، ބިހާރު، ޗައްތިސްގަރު، އޮޑީޝާ، ޖައްމޫ އެންޑް ކަޝްމީރު، ކަރުނާޓަކާ، މަހާރަޝްތުރާ އަދި އުއްތަރަ ޕްރަދޭޝް އެވެ. އެސްޓޭޓުތަކުން ޕާލިމެންޓުގެ ތިރީގޭގެ 97 ގޮނޑިއަކަށް ވޯޓު ލާނެ އެވެ.

ނަމަވެސް ޓަމިލް ނާޑޫގެ އެއް ދާއިރާގައި ވޯޓުލާ މީހުންނަށް ރިޝްވަތު ދިންކަމުގެ ހެކި ލިބުމުން އިލެކްޝަން ކޮމިޝަނުން ވަނީ އެދާއިރާގެ ވޯޓުލުން ކެންސަލްކޮށްފަ އެވެ. އަދި އެސްޓޭޓާއި މަހާރަޝްތުރާ އާއި އުއްތަރަ ޕްރަދޭޝް އާއި އައްސާމްގެ ބައެއް ދާއިރާތަކުގައި އިލެކްޓްރޯނިކް ވޯޓިން މެޝިނުގައި މައްސަލަ ޖެހުމުގެ ސަބަބުން ވޯޓުލުން ލަސްވުން ނުވަތަ ހުއްޓުމަކަށް އައުން ފަދަ މައްސަލަތަކާ ކުރިމަތިވި އެވެ. އެފަދަ މައްސަލަތައް ވޯޓުގެ ފުރަތަމަ ފިޔަވަހީގައިވެސް ދިމާވި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

މިއަދު ވޯޓުލާ ސްޓޭޓުތަކުގެ ތެރެއިން ޓަމިލް ނާޑޫ، ވެސްޓް ބެންގާލް އަދި އުއްތަރަ ޕްރަދޭޝްގަައި އެންމެ ވާދަވެރިކަން ބޮޑުވާނީ ސަރަހައްދީ ޕާޓީތަކުގެ މެދުގަ އެވެ. އެގޮތުން ވެސްޓް ބެންގާލްގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އާ އެންމެ ކައިރިން ވާދަ ކުރާނެ ކަމަށް ބެލެވެނީ އެސްޓޭޓުގެ ޓްރިނަމޫލް ކޮންގްރެސް ޕާޓީންނެވެ. އެއީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރުކަން ކުރައްވާ މަމަތާ ބަނެރުޖީގެ ޕާޓީ އެވެ. ދެހާސްސާދަ ވަނަ އަހަރުގެ އާއްމު އިންތިހާބުގައި އެޕާޓީން ވަނީ އެސްޓޭޓުގެ 40 ގޮނޑީގެ ތެރެއިން 36 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ޓަމިލް ނާޑޫގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދާނީ އެސްޓޭޓުގެ ދެ ޕާޓީ ކަމަށްވާ ޑްރަވިޑާ މުނެތުރާ ކަޒަގަމް (ޑީއެމްކޭ) އާއި އޯލް އިންޑިއާ އަންނާ ޑްރަވިޑާ މުނެތުރާ ކަޒަގަމް (އޭއައިއޭޑީއެމްކޭ)އިންނެވެ. އޭގެ ތެރެއިން އޭއައިއޭޑީއެމްކޭއަކީ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާ އިސްކޮށް ހުންނެވި ޕާޓީ އެވެ. ދެހާސްސާދަ ވަނަ އަހަރު އެޕާޓީން ޓަމިލް ނާޑޫގެ 39 ގޮނޑީގެ ތެރެއިން 37 ގޮނޑި ކާމިޔާބު ކުރި އެވެ.

ނަމަވެސް އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ލިބޭނެ ސްޓޭޓަކީ ޕާލިމެންޓުގެ ތިރީގެއަށް އެންމެ ގިނަ އަދަދެއްގެ މެމްބަރުން ފޮނުވާ އުއްތަރަ ޕްރަދޭޝްގެ ވޯޓުތަކަށެވެ. ދެހާސްސާދަ ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރާ މޯދީ ވެރިކަމަށް ގެނައުމުގައި އެސްޓޭޓު އިސް ދައުރެއް އަދާ ކުރި އެވެ. އެގޮތުން ބީޖޭޕީން ކާމިޔާބު ކުރި 282 ގޮނޑީގެ ތެރެއިން 71 ގޮނޑި ލިބުނީ އުއްތަރަ ޕްރަދޭޝްއިންނެވެ. އެސްޓޭޓުގެ 80 މެމްބަރުން ޕާލިމެންޓުގެ ތިރީގޭގައި ތިއްބަވަ އެވެ.

ނަމަވެސް މިއަހަރު އެސްޓޭޓުގެ މައި ދެ ޕާޓީން ވަނީ ބީޖޭޕީ ފަހަތަށް ޖައްސާލުމަށްޓަކައި ކޯލިޝަނެއް ހަދާފަ އެވެ. އެއީ ސަމަޖުވާދީ ޕާޓީ (އެސްޕީ) އާއި ބަހޫޖާން ސަމަޖް ޕާޓީ (ބީއެސްޕީ) އެވެ. ދެޕާޓީގައިވެސް އިސްކޮށް ތިއްބަވަނީ އެސްޓޭޓުގައި ޗީފް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ އަކިލޭޝް ޔާދަވް އާއި ކުމާރީ މަޔަވަތީ އެވެ.

އެއިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން އޮންނާނީ އަންނަ ހަފްތާގެ އަންގާރައިގަ އެވެ. ހަތް ފިޔަވައްސަކަށް އިންޑިއާގެ ސްޓޭޓުތައް ބަހާލައިގެން ކުރިއަށްގެންދާ އެއިންތިހާބު ނިމޭނީ އަންނަ މަހުގެ 19އިގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ އެމަހުގެ 23ގަ އެވެ.

comment ކޮމެންޓް