އިރާގުގެ ބޮޑުވަޒީރު ސައޫދީ އަށް ވަޑައިގެން ސަލްމާން ރަސްގެފާނާ ބައްދަލުކުރައްވައިފި

އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގެ އަރިހުގައި

ރިޔާޟް (އެޕްރީލް 18) : އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ ސައޫދީ އަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވައިފި އެވެ. މިއީ އިރާގުގެ ބޮޑުވަޒީރުކަމާ އާދިލް އަބްދުލްމަހްދީ ހަވާލުވެ ވަޑައިގަތުމަށް ފަހު އޭނާ ސައޫދީ އަށް ކުރައްވާ ފުރތަމަ ދަތުރުފުޅެވެ.

ސައޫދީ ރަސްމީ ނޫސް އެޖެންސީ ބުނާ ގޮތުން އިރާގުގެ ބޮޑުވަޒީރު ސައޫދީ އަށް ވަޑައިގެންނެވީ އިރާގާއި ސައޫދީގެ ގުޅުންތައް ބަދަހިކުރުމަށް ސައޫދީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން އިގްތިސާދާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި އެނޫން ވެސް ދާއިރާތަކާ ބެހޭ ގޮތުން ސައޫދީ ރަސްގެފާނާއި އެގައުމުގެ އިސްވެރިންނާ މަޝްވަރާކުރެއްވުމަށެވެ.

އިރާގުގެ ބޮޑުވަޒީރު ސައޫދީ އަށް ކުރައްވާ ދެ ދުވަހުގެ މިދަތުރުފުޅުގައި ދެ ގައުމުގެ ގުޅުންތައް ބަދަހި ކުރުމަށް އުފައްދާފައިވާ ސިޔާސީ އަދި އަސްކަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އިރާގުގެ ބޮޑުވަޒީރު މިދަތުރުފުޅުގައި އިރާގާއި ސައޫދީގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކެއްގައި ވެސް ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ އެވެ.

މި އޮފީހުގެ ސަބަބުން ހައްޖާއި އުމްރާއަށްދާ އިރާގުގެ ރައްޔިތުންނަށާއި ސައޫދީއަށް ޒިޔާރަތްކުރާ އިރާގުގެ ވިޔަފާރީވެރިންނާއި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެ އެވެ. ސައޫދީ ސަރުކާރުން 2017 ވަނަ އަހަރުވަނީ އިރާގުގައި އެގައުމުގެ އެންބަސީ އަލުން ހުޅުވައި ދެގައުމުގެ ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަނޅު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ސައޫދީ އާއި އިޜާގުގެ ގުޅުންތައް ގޯސްވީ ސައްދާމް ހުސައިންގެ ވެރިކަމުގައި އިޜާގު ސިފައިން ކުވައިތަށްއަރައި ކުވައިތުހިފުމާ ގުޅިގެންނެވެ.

އެއަށް ފަހު އިރާގު ސިފައިން ކުވައިތުން ބޭލުމަށް އެމެރިކާ އިސްވެ އޮވެގެން އިރާގާ ދެކޮޅަށް ކުރި ހަނގުރާމަ އަށާއި ސައްދާމުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ޓަކައި 2003 ވަނަ އަހަރު އެމެރިކާއިން އިރާގާ ދެކޮޅަށްކުރި އުދުވާނީ ހަނގުރާމައަށް ވެސް ސައޫދީ ވަނީ ތާއީދުކޮށް އެއްބާރުލުން ދީފަ އެވެ.

ސައްދާމްގެ ވެރިކަން ވައްޓާލުމަށް ފަހު އިރާގުގައި އުފެދުނު ސަރުކާރުތަކުން ސައޫދީ އާ ގުޅުންތައް ބަދަހިކުރުމުގެ ބަދަލުގައި ގުޅުންތައް ބަދަހިކޮށްފައިވަނީ އަވަށްޓެރި އީރާން އާއެވެ. އީރާނަކީ ސައޫދީން ދުޝްމަނެއް ކަމަށް ދެކޭ ގައުމެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް