ފަސޭހަކަމާ އެކު ޕޯޓޯ ބަލިކޮށް ލިވަޕޫލް ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ރޭ ޕޯޓޯ ކޮޅަށް ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ ސްޓީފެން ކްރީކް

ފޯމުގައި އޮތް ލިވަޕޫލްއިން ފަސޭހަކަމާ އެކު ޕޯޓޯ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ޕޯޗުގަލްގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތް ޕޯޓޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ 1-4 ގެ ނަތީޖާއަކުންނެވެ. މިވަގުތު ތަފާތު ފޯމެއްގައި އޮތް ލިވަޕޫލްއިން ރޭގެ މެޗުން މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައި ވަނީ ޖުމްލަ 1-6ގެ އެގްރިގޭޓް ނަތީޖާއަކާ އެކު އެވެ.

ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ފޮޓޯ/ ސްޓީފެން ކްރީކް

ވޭތުވެ ދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅުން ލިވަޕޫލްއިން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައި ވެސް މިވަގުތު އޮތީ އެ ޓީމެވެ. ލިވަޕޫލްއިން ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ސްޕެއިންގެ ބާސެލޯނާއާ އެވެ.

ރޭގެ މެޗަށް ލިވަޕޫލް އިން ކުރިމަތި ލީ އިރު ވެސް އެ ޓީމުގެ އަތުގައި ފައިދާ ދެ ގޯލު އޮތެވެ. އެ ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި ލިވަޕޫލްއިން ޖެހި ދެ ގޯލާ އެކު އެ ޓީމު ސެމީއަށް ދާނެ ކަމުގެ ޔަގީންކަން ރޭގެ މެޗަށް ނުކުތް އިރު އޮތް ނަމަވެސް މެޗު ފަސޭހަކޮށް ނުލާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް މެޗުގެ ކުރިން ވަނީ ބުނެފަ އެވެ.

ލިވަޕޫލްއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ސާޑިއޯ މާނޭއާއި މުހައްމަދު ސަލާހް އަދި ރޮބާޓޯ ފިރްމީނިއޯގެ އިތުރުން ވާޖިލް ވެން ޑައިކް އެވެ. ސަލާހް އަދި މާނޭ ވަނީ ފުރަތަމަ ލެގުގައި ވެސް ގޯލު ޖަހައިފަ އެވެ. ޕޯޓޯއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެޑާ މިލިޓާއޯ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ފައިނަލުގައި ލިބުނު ނާކާމީޔާބީއާ އެކު މިއަހަރުގެ ސީޒަނަށް ލިވަޕޫލްއިން ކުރިމަތިލީ ސްކޮޑް އިތުރަށް ވަރުގަދަ ކޮށްގެންނެވެ. އެގޮތުން ޒެރްދާން ޝަކީރީ އާއި ފެބީނިއޯގެ އިތުރުން ގޯލްކީޕަރު އެލިސަން ބެކާ އަކީ މިއަހަރުގެ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރަން ގެނައި ބައެއް ކުޅުންތެރިންނެވެ.

comment ކޮމެންޓް