ޖެޓް އެއާވެސްގެ ހުރިހާ ދަތުރުތައް ހުއްޓާލައިފި

ޖެޓް އެއާވޭސްގެ ދަތުރުތައް ވަނީ ހުއްޓާލާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 18): ޖެޓް އެއާވޭސް ހިންގަން ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން އެ އެއާލައިނުގެ ހުރިހާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ދަރަނިވެރިވެފައިވާ ޖެޓު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއާލައިނުގެ މަސައްކަތްތައް ހުއްޓާލަން ނިންމީ ތެލަށާއި އެހެނިހެން ހިދުމަތްތަކަށް ހަރަދު ކުރާނެ ފައިސާ ނެތުމުގެ ސަބަބުންނެވެ. އަދި އެފައިސާ ހޯދުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުންނެވެ.

މީގެ 25 އަހަރު ކުރިން ނަރޭޝް ގޯޔާލް އުފެއްދި ޖެޓް އެއާވޭސްގެ މުވައްޒަފުންގެ އަދަދު 23،000އަށް އަރަ އެވެ. ގޯޔާލް ވަނީ މިދިޔަ މަހުން ޗެއާމަން ކަމުން އިސްތިއުފާ ދީފަ އެވެ. އަދި އެ އެއާލައިނުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ތިން މަސްވެއްޖެ އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ވަނީ ޖެޓް އެއާވޭސްގެ ހިއްސާ ގަތުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އަދި ހިއްސާ ނީލަން ކިޔުން ނިމޭނީ އަންނަ މަހުގެ 10އެއްގައި ކަމަށް ބުނެފަ އެވެ. އަދި ބޭންކުން އުއްމީދު ކުރަނީ އެއާލައިނުގެ ހިއްސާ ވިއްކުމުން މަސައްކަތްތައް ފެށޭ ވަރަށް ފައިސާ ލިބޭނެ ކަމަށެވެ.

ޖެޓް އެއާވޭސްގެ އިތުރުން އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއަށް ވެސް ވަނީ މާލީ ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ. މިދިޔަ އަހަރު ޕްރައިވަޓައިޒް ކުރަން އުޅުމުން އެކަން ނާކާމިޔާބުވި އެއާ އިންޑިއާގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެތައް ބިލިއަން ޑޮލަރުގެ ޓެކްސް ފައިސާ ހަރަދުކޮށްގެންނެވެ.

ޖެޓް އެއާވެސް ހުއްޓުމަކަށް އައީ އިންޑިއާގެ އާއްމު އިންތިހާބު ކުރިއަށްދަނިކޮށެވެ. އޭގެ ސަބަބުން ގައުމުގެ ބޮޑުވަޒީރު ކަމަށް ދެވަނަ ފަހަރަށް ވާދަކުރައްވާ ނަރެންދުރަ މޯދީއަށް ވަނީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އިންޑިއާގައި ވަޒީފާ އިތުރު ކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި މޯދީއަށް އެވައުދު ނުފުއްދޭ ކަމަށް ބުނާ ފާޑުކިޔުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

comment ކޮމެންޓް