ޕީޕީއެމް އަލުން ހޯދުމުގެ ޝައުގުވެރިކަމެއް ނެތް: އެމްއާރްއެމް

ނާދިރާ އާއި އަލީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕީއެމް އަލުން ހޯދުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ޕިޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މައުމޫން ރިފޯވް މޫމަންޓުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ، ރައީސް މައުމޫނުގެ އަރިސް ބޭފުޅެއްކަމަށްވާ އަބްދުﷲ އަލީމް ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން އަލީމް ވިދާޅުވީ އެންމެ ފުރަތަމަ ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރު އެޕާޓީ ލިބޭނީ ރައީސް މައުމޫނަށް ކަމަށް އުއްމީދު ކުރި ކަމަށާޢި ނަމަވެސް ޕީޕީއެމް އަނބުރާ ނުލިބުމުން ދެން މަސައްކަތް ފެށީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކަމަށެވެ.

ޕީޕީއެމްގެ އެތެރޭގައި މައްސަލަތަކެއް ދިމާވީ 2016 ވަނަ އަހަރުއެވެ. ޕީޕީއެމްގެ މެންބަރުކަމުން ރައީސް މައުމޫނު ވަކިކުރަން ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗުމަހުއެވެ.

އޭގެފަހުން ރައީސް މައުމޫނު ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ. "މައުމޫން ރިފޯމް މޫމަންޓް" ގެ ނަމުގައި ކުރެއްވި އެ މަސައްކަތް ސިޔާސީ ޕާޓީއެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ޕާޓީ އަށް މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލުން ޕީޕީއެމް ރައީސް މައުމޫނަށް ލިބުނު ނަމަވެސް އެ ޕާޓީ އާއިގެން އުޅެވެން ނެތްކަމަށް މައުމޫނުގެ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

"ހަގީގަތުގައި ޕީޕީއެމް، އެނަމަކީވެސް ކޮރަޕްޝަނާ، ފަސާދަ އާއި އަނިޔާވެރިކަމާ އަދި އެތައް ދިވެހި ރައްޔިތުންނެއް ގަބޫލުކުރާގޮތުގައި އެތައް މަރުތަކެއްވެސް ޕީޕީއެމްގެ ބޮލުގައި އެޅިފައި އެވަނީ،" އަލީމް މިރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާޓީއަށް އެނބުރި ގޮސްފިނަމަ އެ ކިލަނބު ނަންވެސް ބޮލުގައި އަޅަންޖެހޭނެ ކަމަށެވެ.

"އެގޮތެއް ބޭނުމެއް ނުވޭ ރައީސް މައުމޫނުވެސް. އަދި އެމްއާރުއެމްގެ ލިޑާޝިޕްގައި އުޅުއްވާ ބޭފުުޅުންވެސް. އެހެންވީމާ އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެމްއާރުއެމް އުފައްދަން،" އަލީމް ވިދާޅުވީ އެމްއާރުއެމް އާ ގުޅެން ބޭނުންވާ "ލޯޔަލް" އެތައް މެންބަރުންނެއް ޕީޕީއެމްގައި އެބަތިބި ކަމަށެވެ.

"އަދި ގިނަ ބޭފުޅުންނާ ހިސާބަކަށްނުދެވޭ. [ޕީޕީއެމްގައި] އުޅޭ މެންބަރުންގެ ތެރެއިން ގިނަ ބަޔަކު އަދި އަޅުގަނޑުމެންނާ ގުޅޭނެ،" އަލީމް ވިދާޅުވިއެވެ.

"ޑިމޮކްރެޓިކް އުސޫލުތަކާއެއްގޮތަށް ޕާޓީ ހިންގާ ކުރިއަށް އޮތް ފަސްއަހަރު އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އަޅުގަނޑުމެންގެ ޕާޓީ އިން ހިދުމަތްތައް ލިބިގެންދާނެ،" އަލީމް ވިދާޅުވީ އެމްއާރުއެމް އަކީ އަނިޔާވެރިކަމާ ދެކޮޅަށް އުފެދިގެން އަންނަ ޕާޓީ އެއް ކަމަށެވެ.

މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ، އަދި ނިމިދިޔަ މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރެއްވި އާމިނަތު ނާދިރާ ވިދާޅުވީ ޕީޕީއެމް އަކީ ރައީސް މައުމޫނާއެކު ރީތި ނަންތަކެއް ހޯދި ޕާޓީއެއް ކަމަށެވެ.

"އެހެންނަމަވެސް ރައީސް މައުމޫން މިކަންކަން ގޯސްކޮށް ދާން ފެށިހިސާބުން، އެކަންކަން ރަނގަޅު ކުރަން ދެންނެވި ހިސާބުން މިއޮތީ ޕާޓީތެރެ ގޯސްވާން ފަށާފައި،" ނާދިރާ ވިދާޅުވީ ޕީޕީއެމް ދެން އެނަމުގައި ރީތި، ސާފު ނޫނީ ރައްޔިތުންނަށް ހިތްގައިމު މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށެވެ.

"ޕީޕީއެމްގެ ނަންއޮތީ ހަރާބުވެފައި" ކަމަށް ނާދިރާ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި އެމްއާރުއެމް އަށް ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން އަލީމް ވިދާޅުވީ އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު މަޖިލިސް އިންތިހާބާއި ހަމައަށް ނުލިބުމުން މަސައްކަތް ކުރަންޖެހުނީ އަމިއްލަގޮތުން ކެންޑިޑޭޓުން ނެރެގެން ކަމަށެވެ.

އެގޮތަށް މަސައްކަތް ކުރިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވާދަވެރިންނަކީ ނުފޫޒާއި ފައިސާ ހުރި މީހުންނަށްވުން ކަމަށް އަލީމް ވިދާޅުވިއެވެ.

"އެހެން މި ދަންނަވަނީ އަޅުގަނޑުމެން ވާދަކުރި ގިނަ ކެންޑިޑޭޓުންނަކީ ފައިސާ އާއި ނުފޫޒު ބޭނުންކުރުމުގެ ތަޖުރިބާ މިދިޔަ ފަސް އަހަރުގެ ތެރޭގައި ހޯދާ ފައި ތިބި ބަޔަކާ. އެއީ ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް. އެއްވެސް ފައިސާއެއް ނެތި 30،000 ވޯޓު ލިބުނު އެއީ ކާމިޔާބީއެއް،" އެ ނަތީޖާ އާއި މެދު ރައީސް މައުމޫނުވެސް ހިތްހަމަޖެހިލައްވާ ކަމަށް އަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް