ތަފާތުކުރުން ނައްތާލަން މީހުންނަށް ވިސްނައިދިނުމަކީ ގޮންޖެހުމެއް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ބައެއް ދާއިރާތަކުން ކުރިއަށް ދިޔުމުގައި ފިރިހެނުންނަށް ވުރެ ބޮޑެތި ގޮންޖެހުންތައް އަންހެނުންނަށް ކުރިމަތިވާ ވާހަކައިގެ އަޑު ކަނޑައިގެން ދިޔަ ޒަމާނެއް ނާދެ އެވެ.

"މޮޑާން ސޮސައިޓީ" އަކަށް ވުމަށް ދިވެހިން ކުރާ މަސައްކަތުގައި ހާސިލްނުވެ އޮތް އެއް ކަމަކީ ވެސް މި އެވެ. ރާއްޖޭގައި މިންތީގެ ތަފާތުކުރުން ނައްތާލުމަށް ކުރާ މަސައްކަތުގައި އަދި ވެސް ކޮޅެއް ނުފެނެ އެވެ. އަންހެނުންގެ އިތުރުން ފިރިހެނުންނާ މެދު ވެސް ތަފާތުކުރުން ގެންގުޅޭތަން ފެނެ އެވެ.

އަންހެނުންނާއި ފިރިހެނުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތް ކުރާ ވުޒާރާ، ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް މިކަމާ އެއްބަސްވެ އެވެ. ޝިދާތާ ވިދާޅުވާ ގޮތުގައި ދިވެހި މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުން މިހާރު އަދާކުރާ ރޯލު އޮތީ އިންސާފުވެރިކޮށެއް ނޫނެވެ. މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

"ރާއްޖޭގައި އަންހެނުންގެ ދައުރާއި އަންހެނުން ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާ މަސައްކަތާއި އަދި ސިޔާސީ ގޮތުން އަންހެނުން އަދާކުރާ ދައުރާއި އަންހެނުންނަށް ލިބޭ ފުރުސަތުތަކާ، މި ކަންކަމަކީ އަދި ވެސް ވަކިހިސާބަކުން މައްޗަށް ނޭރިގެން އުޅޭ ވާހަކަތަކެއް،" ސަން އޮންލައިންގެ "50 މިނެޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވަނީ އަންހެނުން ބާރުވެރި ކުރުވައި، އަންހެނުންގެ ދައުރު މުޖުތަމައުގައި ފުޅާކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވައިފަ އެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

"އެހެންވީމާ ގަބޫލުކުރަން ޖެހޭ، އަޅުގަނޑުމެން ކުރާ މަަސައްކަތް ކުރަން މިޖެހެނީ، ކުރަން ޖެހޭ ގޮތް ތަފާތުކުރަން ޖެހޭ ކަމަށް ނުވަތަ މިހާރު މި ކުރެވޭ މަސައްކަތް އެންމެ ރަނގަޅަށް ނުކުރެވެނީ ކަމަށް،" ޝިދާތާ ވިދާޅުވި އެވެ.

ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ ދައުރާއި ބޭނުން ކުރެވޭ ބަހުރުވަ އާއި، އެކަމާ ގުޅޭ ގޮތުން ވިސްނުން ގެންގުޅެން ޖެހޭ ގޮތާ މެދު ސަރުކާރުގެ ފެންވަރުގައި ވެސް މަސައްކަތް ކުރަން ކުރަން ޖެހޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ދައުރުގެ ތެރޭގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް މުޖުތަމައާއި އާއިލާތަކުގެ ގުޅުން، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް އަދި ދުވަސްވީ މީހުންގެ ހައްގުތައް ހިމެނޭ އިރު މި ހުރިހާ ކަމަކަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މީހުންގެ ވިސްނުން ކަމަށް ޝިދާތާ ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވާ ނަމަ ޖެންޑާގެ ވާހަކަ ދެއްކީމާ ވަރަށް ގިނަ މީހުންނަށް، ބައެއްގެ ވިސްނުމަށް އަންނާނީ އޭ އަންހެނުންގެ ވާހަކައޭ އެ ދައްކަނީ. ޖެންޑާ މިނިސްޓްރީ އޭ ބުނީމާ ވެސް މީހުންގެ ވިސްނުމަށް އަންނަނީ އެއީ އަންހުންނާ ބެހޭ މިނިސްޓްރީއޭ،"

ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އަކީ އަންހެނުންނާއި ފިރިހެނުންނަށް ހައްގު މަގާމު ހޯދައިދިނުމަށް މަސައްކަތް ކުރާ މުވައްސަސާއެއް ކަމަށެވެ.

"ބައެއް ދާއިރާތަކުން އަންހެނުންނާއި ފިރިހެނުން މިހާރު އަދާކުރަމުންދާ ދައުރުތައް އޮތީ އެންމެ އިންސާފުވެރިކޮށެއް ނޫން. އެކަންކަން އެބަ ބަދަލުވާން ޖެހޭ، މީގެ އެންމެ ބޮޑު ގޮންޖެހުމަކީ މީހުންނަށް މިކަންކަން ވިސްނައިދިނުން،" ޝިދާތާ ވިދާޅުވީ އެކަންތައް ބަދަލުކުރުމަށް ޖެންޑާ މިނިސްޓްރީ އިން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

2019 ވަނަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ކ. މާފުށީގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މިންތީގެ ތަފާތު ކުރުމުގެ ވާހަކައިގެ ތެރެއިން އެންމެ ބޮޑަށް އިވޭ ވާހަކައަކީ އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭ ގެންގުޅޭ ތަފާތު ކުރުންތަކުގެ ވާހަކަ ކަމަށްވާ އިރު، ޝިދާތާ ވިދާޅުވީ އަންހެނުންނަށް ކުރިއަށް ދިޔުމަށް ގޮންޖެހުން ކުރިމަތިވަނީ ހަމައެކަނި ފިރިހެނުންގެ ފަރާތުން ނޫން ކަމަށެވެ.

"އަންހެނުންގެ ވެސް ފިރިހެނުންގެ ވެސް ވިސްނުމަށް ހެޔޮ ބަދަލުތައް އަންނަން އެބަޖެހޭ. ވަރަށް ގިނަ ދާއިރާތަކުގައި ވިސްނުން ޑޮމިނޭޓު ކުރަނީ ފިރިހެނުން ކަމުގައި ވެދާނެ. އެހެން ނަމަވެސް މީގެ ބަދަލެއް ގެނައުމަށް އަންނެހުންގެ ވެސް ފިރިހެނުންގެ ވެސް ވިސްނުމަށް ބަދަލު ގެންނަން އެބަޖެހޭ،"

"ބައެއް ހާލަތްތަކުގައި އަންހެނުންގެ ފަރާތުން އަންހެނުންގެ ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވާކަން އެބަ ފާހަގަވޭ. އޭގެ ބައެއް ހަގީގަތްތައް އެބަ ދިމާކުރެވޭ އިންތިހާބުތަކަށް ބަލާއިރު،" ޝިދާތާ ވިދާޅުވީ އިންތިހާބުތަކުގައި ގިނަ އަންހެނުންތަކެއް ވާދަކުރާއިރު އަންހެނުން، އަންހެނުންނަށް ވޯޓުލާ ނަމަ ގޮތްނިންމާ މަގާމުތަކަށާއި ސިޔާސީ އިސް މަގާމުތަކަށް އަންހެނުން އައުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.

"ކޮރަޕްޝަން ވެސް އެންމެ ކުޑަވަނީ އަންހެނުންގެ ލީޑަޝިޕްގެ ދަށުންނޭ ބައެއް ދިރާސާތަކުގައި ވެސް އެބަ ބުނޭ. އަންހެނުންގެ ލީޑާޝިޕްގެ މައްސަލައެއް ވެސް އަދި ވިސްނުމުގެ މައްސަލައެއް ވެސް ނޫޅޭ،" ޝިދާތާ ވިދާޅުވީ އަންހެނުންގެ ކުރިއެރުމަށް އޮތް އަނެއް ގޮންޖެހުމަކީ ރާއްޖޭގެ މުޖުތަމައުގައި ޒަމާނުއްސުރެ އޮންނަ ގަބޫލުކުރުންތައް ކަމަށެވެ.

comment ކޮމެންޓް