ބޭނުން ކުރެވޭ ރިޒާވް ހަތް ޕަސެންޓަށް ސޮއްސާލައިފި

އެމްއެމްއޭ

ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ގޮތަށް ހުންނަ ރިޒާވް ނޫނީ، ދައުލަތުގެ ޔޫސެބުލް ރިޒާވް ހަތް ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ. ރިޒާވް އަކީ ގައުމެއްގެ އިގްތިސާދުގެ ވަރުގަދަކަން ދައްކުވައިދޭ މިންގަނޑެކެވެ.

ފިނޭންސް މިނިސްޓްރީއިން އެޕްރީލް މަހު ނެރުނު ރާއްޖޭގެ އިގްތިސާދުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ފެބުރުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް ހުރީ، 295.3 މިލިއަން ޑޮލަރުގަ އެވެ. އެއީ ޖެނުއަރީ މަހު ރިޒާވްގައި ހުރި، 317.9 މިލިއަން ޑޮލަރަށް ވުރެ 22.6 މިލިއަން ޑޮލަރު މަދު، ހަތް ޕަސެންޓް ދަށް އަދަދެކެވެ.

ޔޫސަބުލް ރިޒާވް ދަށަށް ދިޔަ ނަމަވެސް، ރާއްޖޭގެ ޖުމްލަ ރިޒާވް ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވަނީ މައްޗަށް ގޮސްފަ އެވެ. ޖުމްލަ ރިޒާވު ބަލަނީ، ކުރު މުއްދަތުގައި ބޭރުގެ ފަރާތްތަކަށް ދައްކަން ހުންނަ ފައިސާ ނޫނީ ޝޯޓްޓާމް ފޮރިން ލައިބިލިޓީއާ ވެސް އެކު އެވެ. އެގޮތުން ފެބުރުއަރީ މަސް ނިމުނު އިރު، ޖުމްލަ ރިޒާވް ވަނީ 938.6 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި އެއީ، ޖެނުއަރީ މަހު ޖުމްލަ ރިޒާވް ހުރި އަދަދަށް ވުރެ، 24 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ، 757.8 މިލިއަން ޑޮލަރުގަ އެވެ. ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް ގެންދިޔުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް