ނައިބުރައީސުންނަށް މަހަކު 35،000 ރުފިޔާ ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަރާތަކަށް އިނާޔަތުގެ ގޮތުގައި މަހަކު 35،000 ރުފިޔާ ދޭން މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ 32 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 12 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތް ދިނުމަށް އެދި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އެ ބިލު ދިރާސާ ކުރުމަށް ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމުން ބިލަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ކޮމިޓީން އެ ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ނައިބު ރައީސްކަން ކޮށްފައިވާ މީހަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރަމުންދާ ނަމަ އިނާޔަތު ފައިސާ ނުލިބޭ ގޮތަށް ވަނީ ހިމަނާފަ އެވެ. އަދި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުން ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައިވާ ނަމަ އިނާޔަތް ނުލިބޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ކުރިގެ ނައިބު ރައީސް އަހުމަދު އަދީބު މިވަގުތު ހުންނެވީ ޖިނާއީ ހުކުމެއްގަ އެވެ. ދެން ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަނީ ޔާމީން ސަރުކާރުގެ އެންމެ ފަހު ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ވަހީދު ސަރުކާރުގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އާއި ނަޝީދު ސަރުކާރުގެ ނައިބު ރައީސް އަދި ފަހުން ރައީސް ޑރ މުހައްމަދު ވަހީދު އަހުމަދު އެވެ.

ރައީސްކަން ކޮށްފައިވާ މީހުންނަށް މިހާރުވެސް އިނާޔަތްދެ އެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000 ރުފިޔާ އަދި ދިރިއުޅޭ ތަނަށް 10،000 ރުފިޔާ ދެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހަރަދުގެ ގޮތުގައި މަހަކު 87،000 ރުފިޔާ ދެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް