ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ކައުންޓާ ޓެރެރިޒަމް ވޯކްޝޮޕެއް

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ފެށި ކައުންޓާ ޓެރެރިޒަމް ވޯކްޝޮޕްގެ ތެރެއިން---ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކައުންޓާ ޓެރަރިޒަމް އެމަޖެންސީ ޕްރިޕެއާޑްނެސް ވޯކްޝޮޕްއެއް ފަށައިފި އެވެ.

މިއީ ޔޫކޭގެ އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ ޕްރޮޖެކްޓްގެ ދަށުން ދިވެހި ފުލުހުންނާއި ޖަކާޓާގެ ސެންޓަ ފޯ ލޯއެންފޯސްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން ބޭއްވި ވޯކްޝޮޕްއެކެވެ.

އެއް ދުވަހުގެ މި ވޯކްޝޮޕަކީ ޓެރަރިޒަމްގެ ހާދިސާއެއް ދިމާވެއްޖެ ނަމަ ޓޫރިޒަމް ދާއިރާގެ ސެކިއުރިޓީގައި މަސައްކަތް ކުރާ ފަރާތްތަކަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކަމާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމާއި، އެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމުގެ މަގުސަދުގައި ބާއްވާ މިފަދަ ތިން ވަނަ ވޯކްޝޮޕެވެ.

އެ ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފެސިލިޓޭޓަރުން ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ފެށި އެ ވޯކްޝޮޕްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބައެއް ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި އެ ސިނާއަތަށް އެފަދަކަމެއް ކުރިމަތިވެއްޖެނަމަ އެކަމުގެ އަސަރު މުޅިރާއްޖެއަށް ކުރާނެކަމަށެވެ.

އެހެންވެ، ރާއްޖެއަކީ އަމާންތަނަކަށް ހެދުމަށްޓަކައި ކައުންޓާ ޓެރަރިޒަމްއާ ދެކޮޅަށް ކުރެވެން ހުރިހާ މަސައްކަތެއްކޮށް އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ބައިނަލްއަގުވާމީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖޭކަމަށް އޭނާ ފާހަގަކުރެެއްވި އެވެ.

އެ ވޯކްޝޮޕްގައި އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ މޯލްޑިވްސް ގެ ޕްރޮގްރާމް ކޯޑިނޭޓާ ސީން ކެލީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ހޮޓާތަކުގައި މަސައްކަތްކުރާ 34 ފަރާތަކުން ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް