ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު ޕެލޭގެ ހާލު އެބަ ރަނގަޅުވޭ

ބްރެޒިލްގެ ރަމްޒުދާރު ޕެލޭ --- ފޮޓޯ/ ޖޯ ރައިޓް

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ބްރެޒިލްގެ ރަމްޒުދާރު ޕެލޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

ދާދިފަހުން ފްރާންސްގެ ޕެރިހުގައި ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބާއްޕޭއާ އެކު އިސްތިހާރެއް ކުޅުމަށް ގޮސް އުޅުމުގެ ތެރޭގައި ޔޫރިނަރީ އިންފެކްޝަންއެއްގެ ސަބަބުން ޕެލޭ ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.

އުމުރުން 78 އަހަރު ވެފައިވާ ޕެލޭ ފަރުވާހޯދާފައިވަނީ މަޝްހޫރް އެލްބާޓް އެއިންސްޓައިން ހޮސްޕިޓަލުންނެވެ. ދެ ހަފްތާއެއްހާ ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާހޯދުމަށްފަހު މިދިޔަ ހަފްތާ ޕެލޭ ވަނީ އެނބުރި އޭނަގެ ގައުމަށް ގޮސްފަ އެވެ. އަދި އެއަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވަނީ ޓްވީޓްއެއް ވެސް ކޮށްފަ އެވެ.


"އަހަރެންގެ ހުރިހާ ރަހުމަތްތެރިން، އަހަރެން ވަރަށް އުފާ ވެއްޖެ މިއަދު ތި އެންމެން ގާތު އަހަރެންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ހަބަރު ދިނުމުގެ ފުރުސަތު ލިބުނީމަ،" ޕެލޭ ކުރި ޓްވީޓެއްގައި އޭނާ ބުންޏެވެ.

"އަހަރެންނަށް ފަރުވާދިން އެލްބާޓް އެއިންސްޓައިން ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނަށާއި އަހަރެންގެ ހާލު ރަނގަޅުވޭތޯ ހެޔޮ ދުއާ ކޮށްދިން އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން އަބަދުވެސް ކުރިމަގަށް މި ބަލަނީ."

ޕެލޭ އަކީ އެންމެ ގިނަ ފަހަރު ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ބްރެޒިލްއާ އެކު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަނީ ޕެލޭގެ އަތުގަ އެވެ.

އޭނާ އަކީ ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނެސް އެ ކުޅިވަރުގެ ފޯރި މުޅި ދުނިޔޭގައި ގުގުމާލުމަށް އެންމެ ބުރަކޮށް މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން އައި އެކަކެވެ.

comment ކޮމެންޓް