"މާމުއި" އަންނަ ޖުލައިގައި، ފިލްމްގެ ލަވަތަކުގެ ޝޫޓިން ކުރިއަށް

މާމުއިގެ ލަވައެއް ޝޫޓްކުރުމުގެ ތެރެއިން--- ފޮޓޯ/ ޑާކްރެއިން

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމިޑީ ފިލްމު "މާމުއި"ގެ ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާ ފިލްމުގެ ލަވަތަކުގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، ލަވަތަކުގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުގައި ކަމަށެވެ. މީގެ ކުރިން އެ ފިލްމުގެ ލަވައެއް ތިލަފުށީގައި ވެސް ވަނީ ޝޫޓްކޮށްފައިވެ އެވެ.

ފިލްމުގައި ހިމެނޭނީ ޖުމްލަ ހަތަރު ލަވަ އެވެ. އެއީ 'ޖޯޑެއްގެ ސާފު ލޯބި'، 'ރޭ ރޭ މިހެން ހިޔާލު'، 'ތިބާ' އަދި 'އަރައިގެން އައި އިރާއެކު' އެވެ.

މޮގާ ބުނީ ފިލްމުގެ ޑަބިންގެ އިތުރުން އެޑިޓިންގެ މަސައްކަތްވެސް ނިމިއްޖެ ކަމަށާއި ކުރިއަށް އޮތީ ބެކް މިއުޒިކްގެ މަސައްކަތް ކަމަށެވެ.

ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެ ޓްރެއިލާގައި ދިވެހި ފިލްމީ ދާއިރާގެ ލެޖެންޑަރީ ތަރި އިސްމާއިލް ވަޖީހު ވަނީ ފެނިފަ އެވެ.

އެހެން ކޮމިޑީ ފިލްމުތަކާ ހިލާފަށް އެ ފިލްމު ތަފާތުވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. މީހުން ހެއްވާލާ ގިނަ މަންޒަރުތަކެއް ހިމެނޭ އެ ފިލްމު އޮލިމްޕަސް ސްކްރީނުގައި އަޅުވާނީ، އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.

"މާމުއި" އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމެވެ.

"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

comment ކޮމެންޓް