ރޮޒައިނާ ވެސް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް: އޭނާ ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި --- ފޮޓޯ: މަޖިލިސް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި މިހާރު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، އޭނާ ވެސް މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި މިވަގުތަކީ އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ވަރަށް މުނާސަބު ވަގުތެއް ކަމަށެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާ އެކު ސުޕާ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު އެ ޕާޓީގެ ހަތަރު މެންބަރަކު މިހާރު ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.

އެމްޑީޕީގެ ތެރެއިން ގިނަ މެންބަރުންތަކެއް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު ރޮޒައިނާ ވިދާޅުވީ، އެ ޕާޓީން ރައީސް ކަމަށް ގެންނާނެ ބޭފުޅަކު ނިންމަން ޖެހޭނީ ޕީޖީ ގްރޫޕްގައި ސިއްރު ވޯޓެއް ނެގުމަށް ފަހު ގައި ކަމަށެވެ.

"އެގޮތަށް ގޮސް އެ ނެގޭ ވޯޓެއްގެ ތެރެއިން އަޅުގަނޑުމެނަށް ފުރުސަތު ލިބޭނީ ތަޅުމާ ހަމައަށް އައުމަށް ވިޕްލައިނަކާ އެކީގަ ޕާޓީއެއް ވީމަ އަޅުގަނޑުމެން މަސައްކަތް ކުރާ އުސޫލުތަކުން އަންނާނީ. އެހެންވީމަ އެ އުސޫލުގެ ތެރެއިން މިކަންތައްތައް ދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭނީ،" ރޮޒައިނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރެއްވި ފަރާތްތައް ----އެމްޑީޕީގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެޕާޓީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މަގާމަށް އަންނަން ޖެހޭނީ އެމްޑީޕީގެ މެންބަރެއް ކަމަށާއި މިހާރުގެ ޕީޖީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމަކީ ވެސް އެކަމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

އަސްލަމްގެ އިތުރުން މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެ ހަތަރު ބޭފުޅުންގެ އިތުރުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް އަމިއްލަ ގޮތުން ވާދަކޮށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ އަބްދުﷲ ޖާބިރު ވެސް ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.

comment ކޮމެންޓް