ސްޕެޝަލް އެންވޯއީގެ މަގާމުން ޖާބިރު ވަކިކުރަން ރައީސް ނުނިންމަވާ: ހޫދު

ރައީސް ސޯލިހުގެ ހާއްސަ މަންދޫބަކަށް ޖާބިރު އައްޔަން ކުރެއްވުމަށް ފަހު މީގެ ކުރިން ފަތްކޮޅު ދެއްވަނީ: އެނާ އެ މަގާމުން ވަކިކުރުމަށް ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައި ---

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުން އަބްދުﷲ ޖާބިރު ވަކިކުރުމަށް ނިންމަވާފައިނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ސްޕެޝަލް އެންވޯއީގެ މަގާމުން ޖާބިރު ވަކިކުރުމަށް ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު، އެކަމާ ގުޅިގެން ސުވާލު ދެންނެވުމުން ހޫދު ވިދާޅުވީ، ޖާބިރު މަގާމުން ވަކިކުރުމަށް ރައީސް ސޯލިހު ނިންމަވާފައިނުވާ ކަމަށާއި އޭނާ އަދިވެސް ހުންނެވީ ރައިސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ކަމަށެވެ.

ގާނޫނުގައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދައުލަތުގެ އެހެން މަގާމެއް އަދައެއް ނުކުރެވޭނެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުމާ އެކު ސްޕެޝަލް އެންވޯއީގެ މަގާމް ޖާބިރަށް ގެއްލޭނެ އެވެ.

ސްޕެޝަލް އެންވޯއީގެ މަގާމުން ޖާބިރު ވަކި ކުރުމަށް ނިންމާފައިވާ ކަމުގެ އަޑު ފެތުރިފައި މިވަނީ މަލިކާ ގުޅޭ ގޮތުން ޖާބިރު ދެއްކެވި ވާހަކަތަކަކަށް ރައީސް އޮފީހުން ރައްދުދީފައި ވަނިކޮށެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ، މަލިކު ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތުމަށް ފަހު އިންޑިއާގެ ބައެއްގެ ގޮތުގައި އެތަން ހަމަޖެހުނު ސަބަބު ހޯދަން ޖެހޭ ކަމަށެވެ. އަދި މަލިކު އަނބުރާ ހޯދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރައްވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އިންޑިއާގެ ލަކްޝަދީބުގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ބެހޭގޮތުން ޖާބިރު ދެއްކެވި ވަހަކަތަކަކީ ހަމައެކަނި އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް ވިދާޅުވެ ޖާބިރުގެ ވާހަކައަށް ރައީސްގެ ތަރުޖަމާނު ހޫދު ވަނީ ރައްދު ދެއްވާފަ އެވެ.

comment ކޮމެންޓް