ޔާމީންގެ ސަރުކާރުން ވަކިކުރި ދެ ޓީޗަރަކަށް ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒު.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވަޒީފާ އިން ވަކިކުރި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ޓީޗަރަކަށް ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފައި ވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުކަމުގެ ވަޒީފާ އިން ވަކިކުރި ހިދާޔަތު އަހްމަދަށާއި ލީޑިން ޓީޗަރު ޒުލްފީނާ އަހްމަދަށް ވަޒީފާ ދިނުމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަކިވަކިން މިއަދު ނިންމި ދެ މައްސަލާގައި ވަނީ އެ ދެ ޓީޗަރުން ވަޒީފާ އިން ވަކިކުރީ ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނި ނަމަވެސް އެކަން އެ ކޮމިޝަނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެ ދެ ޓީޗަރުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އެ ދެ ޓީޗަރުންނަކީ އެއްވެސް ހާލެއްގައި ވަޒީފާ އިން ވަކިވެފައިވާ ބައެއް ކަމުގައި ނުބެލުމަށް ޓްރައިބިއުނަލުން ވަނީ އަންގައިފަ އެވެ.

ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަލުން ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންވާ މުސާރަ އާއި އެހެނިހެން އިނާޔަތްތައް މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ދެ ޓީޗަރުންނަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް ވެސް ސިވިލް ސާވިސް ކޮމިޝަނަށް ވަނީ އަމުރުކޮށްފަ އެވެ.

އެ ދެ ޓީޗަރުންގެ ތެރެއިން ޒުލްފީނާއަކީ ވިލިނގިލި ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދުގެ އަނބިކަނބަލުންނެވެ. އަދި ހިދާޔަތަކީ ނިމިދިޔަ ކައުންސިލްގެ ޕީޕީއެމް މެމްބަރު ފަތުހީ މޫސާގެ އަނބިކަނބަލުންނެވެ.

https://www.sun.mv/99471

comment ކޮމެންޓް