60 ދުވަހުގެ ސަސްޕެންޝަނަށް ފަހު މަހުލޫފް އޮފީހަށް ނުކުންނަވައިފި

މިނިސްޓަރު މަހުލޫފް އޮފީހަށް ވަޑައިގަތުމުން ޔޫތް މިނިސްޓަރީގެ މުވައްޒަފުންގެ ފަރާތުން މަރުހަބާ ކިޔަނީ --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އެކައުންޓުން އަމިއްލަ އެކަންޓަށް ފައިސާ ޖަމާވުމުގެ ސަބަބުން ކުރި ސަސްޕެންޝަނަށް ފަހު އަހުމަދު މަހުލޫފް އެނބުރި އޮފީހަށް ނުކުމެ ވަޑައިގެންފި އެވެ.

ދެ މަސް ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު މިއަދު 2:00 ޖެހިއިރު މަހްލޫފް ވަނީ ޔޫތު މިނިސްޓްރީ އަށް ވަޑައިގެންފަ އެވެ. މަހުލޫފް އޮފީހަށް ވަޑައިގަތުމުން އެ ވުޒާރައިގެ މުވައްޒަފުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މިނިސްޓަރު މަހުލޫފް އޮފީހަށް ވަޑައިގަތުމުން ޔޫތް މިނިސްޓަރީގެ މުވައްޒަފުންގެ ފަރާތުން މަރުހަބާ ކިޔަނީ --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

މަހްލޫފް ގޭގައި މަޑުކުރަން ރައީސް އިބްރާހިމް ސޯލިހް އެންގެވުމާ ގުޅިގެން ވޭތުވެ ދިޔަ 60 ދުވަސް ވަންދެން ކުޅިވަރުގެ ވުޒާރާގެ ހިންގުމާ ހަވާލުވެ ހުންނެވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދު އެވެ. އަލީ ވަހީދު އޭރު ހިންގެވުމާ ހަވާލުވެ ހުންނެވި ނަމަވެސް ޔޫތު މިނިސްޓަރީގެ ކަންކަން ބައްލަވަމުން ދިޔައީ މަހުލޫފްގެ ވެސް އިރުޝާދާ އެކު އެވެ.

ރާއްޖެގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ މަހްލޫފުގެ އެކައުންޓަށް ޖަމާވިކަމަށް އޭސީސީ އިން ނެރުނު ބަޔާނެއްގައި ވުމުން އޭނާގެ މައްޗަށް ގިނަ ބަޔަކު ވަނީ ތުހުއްމަތުތަކެއްކޮށްފަ އެވެ. ނަމަވެސް މަހްލޫފް އޭރު ވެސް ދެއްވި ރައްދަކީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. އަދި އެކަން ސާބިތު ކޮށްދީފި ނަމަ ކެބިނެޓުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިއަދު ޔޫތު މިނިސްޓްރީގެ އޮފީހަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މަހުލޫފް ދެއްވި ޕްރެސްއެއްގައި ވިދާޅުވީ އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަން އޭރު ވެސް އޮތް ކަމަށެވެ.

"އިންގޭ އާދެވޭނެ ކަން އޭރުވެސް. އެކަމަކު ކުޑަ ވަގުތުކޮޅެއް އެކަމަށް ނަގައިފި. އެއީ އޭސީސީގެ ބައި ނިމުމަަށް ފަހު ޕޮލިސް މެދުވެރިކޮށް އެ މައްސަލަ ބެލުމަށް ރައީސް އަންގަވާފައިވާތީ. އަޅުގަނޑު އުންމީދުކުރަން ވަރަށް އަވަހަށް ފުލުހުން އެމައްސަލައާ ގުޅޭ ގޮތުން އާންމުންނަށް ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް." މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނަގެ ގައިރު ހާޒިރުގައި އޮފީހުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވާ ކަމަށާއި 100 ދުވަހުގެ ވައުދު ފުއްދުމަށް އެ ވުޒާރާ އިން ކެނޑި ނޭޅި ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

comment ކޮމެންޓް